ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް ހައުސިންގ މިނިސްޓްރީ އާއިއެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ފަރާތުން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އުސްތާޒް މޫސާ އަލި މަނިކުއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޞިލާ ފާތިމަތު ޝާނާ ފާރޫޤްއެވެ.

މި މަޝްރޫޢުގެ ދަށުން، ކުޅުދުއްފުށީ މަގުތަކުގައި 6 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމަށް ހަމަޖެހިފައިވާއިރު، މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކޮށް، މަގުބައްތި ޖެހުން ހިމެނެއެވެ.
މިމަސައްކަތް ކުރުމަށް އާރުޑީސީ އާއި ހަވާލު ކުރީ 510 ދުވަސް ތެރޭގައި ނިންމާ ގޮތަށް، 100.7 މިލިއަން ރުފިޔާ އަށެވެ.




