ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކު ސިޓީގެ 5 ގެއެއް ބަލާ ފާސްކޮށް އޭގެތެރެއިން 4 ގެއެއްގައި ރާ ކައްކަން ތައްޔާރުކޮށްފައި ހުއްޓާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، އާއަހަރާއި ދިމާކޮށް ފުވައްމުލަކު ސިޓީގައި 31 ޑިސެންބަރު 2019 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފުވައްމުލަކު ސިޓީގެ 5 ގެއެއް ބަލާ ފާސްކޮށް އޭގެތެރެއިން 4 ގެއެއްގައި ރާ ކައްކަން ތައްޔާރުކޮށްފައި ހުއްޓާ ފުލުހުން ހޯދައިފިވާކަމަށެވެ. އަދި 4 ގެއިން މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ 5 މީހުން ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދަޅުވެފައެވެ.

މީގެ އިތުރުން މި އޮޕަރޭޝަންގައި ކައްކާފައި ހުރި 500 އެމްއެލްގެ 14 ފުޅި ރާ ފުލުހުން ވަނީ ހޯދާފައެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ ފުވައްމުލަކު ސިޓީ ގައި ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަންގައި ރަށުތެރޭގެ އާންމު މަސްލަހަތު ނަގާލަން އުޅުމާއި މަސްތުގެ ހާލުގައި ތިބިކަމަށް ބެލެވިގެން ޖުމްލަ 18 މ،ީހުން ހައްޔަރު ކޮށްފައިވާކަމަށެވެ.
މި އޮޕަރޭޝަންގައި ފުވައްމުލަކު ސިޓީގެ ތިން ދާއިރާއަކަށް އަމާޒުކޮށްގެން ފުލުހުން ވަނީ މަސައްކަތް ކުރިޔަށްގެންގޮސްފައެވެ. ފުލުހުން ވިދާޅުވެފައި ވަނީ ކުރެވުނު މަސައްކަތުން ފުވައްމުލަކު ސިޓީގެ އާންމު ހާލަތު ރަނގަޅުކަމަށެވެ.
								
											

