އާ ސީޕްލޭން ޓަރމިނަލް - ފޮޓޯ: އެމްއޭސީއެލް

އައު ސީޕްލޭން ޓަރމިނަލް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ އަށް

އައު ސީޕްލޭން ޓަރމިނަލް އާއި ވީ.ވީ.އައި.ޕީ އިމާރާތް ހިންގާ ބަލަހައްޓާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ އިން ކަމަށް އެ ކޮމްޕެނީއިން ބުނެފިއެވެ.

އެ ކޮމްޕެނީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައު ސީޕްލޭން ޓަރމިނަލް އާއި ވީ.އައި.ޕީ އިމާރާތް ހިންގާ ބަލަހައްޓާނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީން ކަމަށާއި އެހެންނަމަވެސް އެކި އެކި ސީޕްލޭން
އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށެވެ.

އަދި އެމް.އޭ.ސީ.އެލް. އާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާރމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އައު ސީޕްލޭން ޓާރމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައި ނުވާކަމަށް އެމް.އޭ.ސީ.އެލް ނެރުނު ނޫސް ބަޔާނުގައިވަނީ ބުނެފައެވެ.

އެމް.އޭ.ސީ.އެލް އިން އިތުރަށް ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހެދިފައިވާ އައު ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާރޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް މިކަން ކުރެވެން އަންނަނީ މިވަގުތު ރަންވޭއާއި އިންވެގެން ހުރިއެންމެބޮޑު ސީޕްލޭން އޮޕަރޭޓަރު ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާރވޭސް (ޓީ.އެމް.އޭ.) ގެ ފެސިލިޓީސްއާއި މިސަރަޙައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކުރެވިގެން ކަމަށެވެ.

ޓީއެމްއޭގެ އިމާރާތްތައް ހުސްކުރުން މިވަގުތަށް މަޑުޖައްސާލާފައި ވާއިރު އެހެން އިމާރާތްތައް ދެމަސްދުވަހުގެ ތެރޭގައި ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

26 މިލިއަން ޑޮލަރު ޚަރަދު ކުރެވިގެން އިމާރާތް ކުރެވުނު މި ސީޕްލޭން ޓާރމިނަލް އަކީ ޒަމާނާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެކެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ (އެމް.އޭ.ސީ.އެލް.)އިން ބުނެފައިވަނީ މި އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށް ގަސްތު ކޮށްފައި ވަނީ 2020 ގެ ދެވަނަ ކުއާރޓަރގައި ކަމަށެވެ.

މިޓާރމިނަލް ހުޅުވިގެންދާއިރު ވާނީ ދިވެހި ރައްޔިތުން ފަޚުރުވެރިވާނެ ފަދަ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭންގެ އޮޕަރޭޝަންސް ހިންގާ އިމާރާތަށް ކަމަށްވެސް އެމް.އޭ.ސީ.އެލް އިން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ