2019 ވަނަ އަހަރު ނިމުނުއިރު 5000 މެމްބަރުން ހަމަވަނީ 5 ސިޔާސީ ޕާޓީގައެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކުރި މަޢުލޫމާތު ބުނާގޮތުން 5000 މެމްބަރުން ހަމަވެފައިވަނީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި އާދާލަތު ޕާޓީގައެވެ. 5000 މެމްބަރުން ހަމަނުވާ ޕާޓީ ތަކަކީ ޕީއެންސީ، އެމްޓީޑީ، ޑީއާރްޕީ، އެމްއެސްއެލްޑީޕީ އަދި އެމްއާރްއެމް އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެންމެ މެމްބަރުންގިނަ ޕާޓީ އަކީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އެވެ. އެމްޑީޕީ ގައި 54101 މެމްބަރުން ތިބިއިރު ދެން އެންމެ ގިނަ މީހުން ތިބި ޕީޕީއެމް ގައި ހުރީ 36073 މެމްބަރުންނެވެ. ޖުމްހޫރީ ޕާޓީގައި 11072 މެމްބަރުން ތިބިއިރު އެމްޑީއޭ ގައި 8506 މެމްބަރުން އަދި އަދާލަތު ޕާޓީގައި 6789 މެމްބަރުން ތިބި ކަމަށް ހިސާބުތަކުން ދައްކައެވެ.
ޕީއެންސީ ގައި 4221 މެމްބަރުން ތިބިއިރު އެމްޓީޑީ ގައި 3279 މެމްބަރުން އަދި ޑީއާރްޕީ ގައި ތިބީ 3033 މެމްބަރުންނެވެ. އެމްއެސްއެލްޑީޕީ ގައި 2977 މެމްބަރުން އަދި އެމްއާރްއެމް ގައި 2851 މެމްބަރުން ތިބިކަމަށް އިލެކްޝަން އިން ވަނީ ހާމަކޮށްފައެވެ.
31 ޑިސެމްބަރ 2019 ގެ ނިޔަލަށް ޖުމްހޫރީ ޕާޓީން ހުށައަޅާފައިވާ 1163 މެމްބަރޝިޕް ފޯމް، ޕީޕީއެމް އިން ހުށައަޅާފައިވާ 232 މެމްބަރޝިޕް ފޯމް އަދި އެމްއާރްއެމް އިން ހުށައަޅާފައިވާ 232 މެމްބަރޝިޕް ފޯމް ޕްރޮސަސް ނުކުރެވި އެބަހުރި ކަމަށް އިލެކްޝަން އިން ވަނީ ބުނެފައެވެ.