މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޒުވާން އަންހެން ކުއްޖަކަކާއި ކުޑަކުއްޖެއް ހިމެނޭގޮތަށް ބަނގުރާފުޅިތަކަކާއެކު ކާށިދޫން 4 މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދަޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ސްރީ ލަންކާ ފިރިހެނަކާއި 18 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ކުއްޖެކެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ރޭ 02:30 އެހައިކަންހާއިރު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދިޔައިރު އެރަށު މަގުމަތިންކަމަށެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅި ފެނިފައިވާކަމަށާއި އަދި މި މައްސަލައިގައި ހައްޔަރުކުރި 30 އަހަރުގެ މީހާ ދިރި އުޅޭތަން ބަލައި ފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ކާށިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.



