މިދިޔަ އަހަރު މާފުށީ ޖަލުން 277 މޯބައިލް ފޯނު ފެނިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަބްދުﷲ މުނާޒު ވިދާޅުވެއްޖެ އެވެ. މިއެއްޗެހި އަތުލާފައި ވާނެކަމަށްވެސް މުނާޒު ވިދާޅުވިއެވެ.
މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން މުނާޒު ވިދާޅުވީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތް ތަކެއް ކުރަމުންދާކަމަށާއި ޖަލުތަކަށް މީގެ ކުރިން ވެދެފައިހުރި ފޯނު ތަކާއި މީހާރުވެސް އެކިގޮތްގޮތުން ވައްދަމުން ގެންދާ ފޯނުތަކާއި ޑްރަގް ވަނުން މަދުކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.
ނަމަވެސް ސްކްރީން ކުރެވޭނެ ވަސީލަތްތަކެއް ލިބިފައި ނެތްކަމަށާއި ކުރިން ހޯދާފައިހުރި ވަސީލަތްތައް މިސަރުކާރު އައިއިރު ހުރީ ހަލާކުވެ ދަބަރައްވެފައި ކަމަށް މުނާޒު ވިދާޅުވިއެވެ. އެހެންކަމުން ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އޮފިސަރުން ޖެހިނީ ކުއްވެރިން ކުރިމައްޗަށްގޮސް ފިޒިކަލީ ޗެކުކުރަން ކަމަށް މުނާޒު ވިދާޅުވި އެވެ. މިކަމަށް ބޭނުންވާ ބައެއް ސާމާނު މިިދިޔަ އަހަރު ހޯދިފައިވާކަމަށާއި މިއަހަރު ތެރޭގައި ދެން ބޭނުންވާ ސާމާނު ހޯދައިދޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށް މުނާޒު ވިދާޅުވިއެވެ.
މިހާރު ދިމާވެގެން އުޅޭ މައްސަލައަށް ވާހަކަ ދައްކަވަމުން މުނާޒު ވިދާޅުވީ ވޭތުވެދިޔަ 12 ގަޑި އިރުތެރޭގައި އެއްވެސް ކަމެއް ހިނގާފައި ނުވާކަމަށެވެ. މިކަން ފެށުނު ގޮތަކީ އެއް ގޮޅިން މިކަން ފެށުމުން އިތުރު ހައެއްކަ ގޮޅިއަކުން މިކަމާއި ބައިވެރިވީ ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.
މިސަރުކާރުގެ ވިސްނުމަކީ ޖަލަށް ގެނެވޭ މީހާ ރިހިބިލިޓޭޓުކޮށް މުޖުތަމަޢު ބަލައިގަންނަ މީހެއްގެ ގޮތުގައި އާއިލާއާ ހަމަޔަށް ވީހާވެސް އަވަހަކަށް ފޮނުވައިދިނުން ކަމަށްވެސް މުނާޒު ވަނީ ވިދާޅުވެފައެވެ.




