"ރިއޯ" ކާރޓޫންގެ ގުރާ "ބްލޫ މަކޯ" ދުނިޔޭން ނެތިގޮސްފައިވާކަން އެނގޭތަ؟

"ރިއޯ" ކާރޓޫންގައި އުޅޭ ގުރާ، "ބްލޫ" ހަނދާން ވޭހެއްޔެވެ؟ މި ކާރޓޫން ފިލްމުގައި ބްލޫ ހީކުރަނީ، ބްލޫއަކީ އެ ގުރާގެ ނަސްލުގެ އެންމެ ފަހު ދޫނި ކަމަށެވެ. ނަމަވެސް މިއަދު މިވަނީ މިހީކުރުން ހަމަ އަސްލަށްވެސް ހަޤީގަތަކަށް ވެފައެވެ.

ބްރެޒިލް ސަރަހައްދުގެ ދޫންޏެއްކަމަށްވާ "ބްލޫ މަކޯ" ނުވަތަ "ސްޕިކްސް މަކޯ" އަކީ މީގެ 7 އަހަރުކުރިން ރައްކާތެރި ދޫންޏެއްގެ ގޮތުގައި ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. ނަމަވެސް މިހާރު ވަނީ މި ގުރަލުގެ ނަސްލު ޖަންގަލިތަކުން އެއްކޮށް ނެތިގެންގޮސްފައެވެ.

"ބާރޑް ލައިފް އިންޓަރނޭޝްނަލް" އިން ހެދި ދިރާސާއަކުން އެނގުނު ގޮތުގައި ޖަންގަލިތަކުން މިހާރު އެއްވެސް ވަރަކަށް ބްލޫ މެކޯ ނުފެނެއެވެ. ނަމަވެސް ވަރަށް މަދު އަދަދަކަށް މި ދޫނި ހިފައިގެން ނުވަތަ ބަންދުކޮށްގެން ގެންގުޅެއެވެ.

"ބްލޫ މަކޯ" ޖަންގަލިތަކުން ނެތިދިއުމަށް މެދުވެރި އެންމެ ބޮޑު އެއް ސަބަބަކީ، ޖަންގަލިތަކުން ގަސްކެނޑުން ގިނަވުމާއި، އަދި މިކަމުގެ ސަބަބުން ގިނަ އަދަދަކަށް ޖަންގަލީގައި ދިރިއުޅޭ ޖަނަވާރުތަކުގެ ގެދޮރު ނުވަތަ ހާލި ނެތިދިއުމުގެ ސަބަބުންނެވެ.

1980 ވަނަ އަހަރު ތިމާވެއްޓަށް ހިދުމަތްކުރާ ލިޔުންތެރިއެއްކަމަށްވާ ޓޯނީ ޖުނިޕަރ ވަނީ، "ސްޕިކަސް މަކޯ : ދަ ރޭސް ޓު ސޭވް ދަ ވޯރލްޑްސް ރެއަރެސްޓް ބާރޑްސް" ގެ ނަމުގައި މި ދޫނިތަކުގެ ހާލަތު މީހުންގެ ތެރޭގައި ހޭލުންތެރިކުރުމުގެ މަގުސަދުގައި ފޮތެއް ނެރެފައެވެ. ނަމަވެސް އޭރުވެސް މީހުން މިކަމަށް އެހާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ޖަންގަލިތަކުން ގަސްކެނޑުމާއި އަދި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުވަހުން ދުވަހަކަށް ދަނީ ޖަންގަލިތަކުގައި ދިރިއުޅޭ ޖަނަވާރުތަކާއި ދޫނިސޫފާސޫފިތައް ނެތިދަމުންނެވެ. މިއީ ކުރިއަށް އޮތްތާގައި ތިމާވެއްޓަށް އޮތް ބޮޑު ނުރައްކަލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ