ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ކޮމިޓީއަށް މެންބަރުން ހޯދުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން ފުރުޞަތު ހުޅުވާލައިފިއެވެ.
ބާ ކައުންސިލުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު ގެ 29 ވަނަ މާއްދާގެ ދަށުން، ތަފާތު ދަރަޖަތަކުގެ ކޯޓުތަކަށް ޙާޟިރުވެ ވަކާލާތުކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ގޮތުން އެކުލަވާލާފައިވާ ޤާނޫނީ ވަކީލުން ދަރަޖަކުރުމާގުޅޭ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ އެ މާއްދާގެ (ހ) ގައި ބަޔާންކުރާ ކޮމިޓީ އެކުލަވާލުމަށްޓަކައި، ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހެޅުމަށް އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް ފުރުޞަޠު ހުޅުވާލާކަމަށެވެ.
އެގޮތުން ޤާނޫނީ ވަކީލުން ދަރަޖަ ކުރުމާގުޅޭ ކޮމިޓީއަށް ކުރިމަތި ލުމުގެ ފުރުޞަތު 16 ޖަނަވަރީ 2020 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލައިފައެވެ.
މި ކޮމެޓީއަށް 3 މެންބަރުން ހޯދުމަށް ބާ ކައުންސިލުން ހުޅުވާލައިފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުންނަށް އެފުރުޞަތު އެބައޮތެވެ.
ޤާނޫނީ ވަކީލުން ދަރަޖަ ކުރުމާ ގުޅޭ ކޮމެޓީގެ މެންބަރުންގެ މަސްޢޫލިއްޔަތެއްކަމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ތަފާތު މަރުޙަލާތަކުގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް ހާޒިރުވެ ވަކާލާތު ކުރުމުގެ ބޭނުމަށްޓަކައި، ޤާނޫނީ ވަކީލުން ދަރަޖަކުރުމާ ގުޅޭ ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން، ޤާނޫނީ ވަކީލުން ދަރަޖަ ކުރުން ކަމަށެވެ.
މި ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދަރަޖަކުރުމާގުޅޭ ކޮމިޓީގެ މެންބަރުކަމަށް އެދި ހުށަހަޅާ ސިޓީއާއި، ވަނަވަރުގެ އިތުރުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައިގެ ކޮޕީއާއި އައިޑީ ކާޑުގެ ކޮޕީ ބާ ކައުންސިލަށް އީމެއިލް ކުރުމަށް ވަނީ ދަންނަވާފައެވެ.