ދިވެހި އުފެއްދުންތަކަށް ހާއްސަ ފިހާރައެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑިއުޓީ ފްރީގައި ހުޅުވައިފި އެވެ.
"އޮތެންޓިކް މޯލްޑިވްސް" ގެ ނަމުގައި ހުޅުވި މި ފިހާރަ ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ. މި ރަސްމިޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިބްރާހީމްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރ އަލީ ޒާހިރު އަދި އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވަޑައިގެންފައިވެ އެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ހިންގާ މި ސުވެނިއާ ފިހާރައިގައި ތަކެތި ވިއްކުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައި ވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅު އެވެ.
ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން ހިންގާ މި ފިހާރައިގައި ތަކެތި ވިއްކުމާއި އެ ފަރާތްތަކުގެ ވިޔަފާރި އިޝަތިހާރުކޮށް އިތުރަށް މާކެޓް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ބީސީސީން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލް އިން ބުނީ ދިވެހިން އަމިއްލަ އަށް ތައްޔާރުކުރާ ދިވެހި އުފެއްދުންތައް ފަސިންޖަރުންނަށް މި ފިހާރަ އިން ލިބެން ހުންނާނެ ކަމަށެވެ. އެމްއޭސީއެލް އިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށެވެ.



