ހުސްނުއް ސުއޫދު - ފޮޓޯ: ރާއްޖެއެމްވީ

ސުޢޫދު ސްޕްރީމް ކޯޓުން އަޒުލު ކުރަންޖެހޭ - ޑރ. ޝަހީމް

މަރުކޮމިޝަންގެ ކުރީގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުޢޫދު ސްޕްރީމް ކޯޓުން އަޒުލު ކުރަން ޖެހޭ ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަޙީމް މިހެން ވިދާޅުވެފައި މިވަނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝިމް ޢަލީ ގެ މަރުގެ މައްސަލާގައި އޭނާ ރިޔާސީ ކޮމިޝަނަށް ދޮގު މަޢުލޫމާތު ދިން ކަމަށް ބުނެ ޝަހީމްގެ މައްސަލަ ތަޙްޤީޤު ކުރުމަށް ހުށައަޅާފއިވަނިކޮށެވެ.

މަރުކޮމިޝަނުން ވަނީ ޝަހީމްގެ މައްޗަށް ދަޢުވާކޮށްދިމުމަށްވެސް ޕީޖީ އަށް ފޮނުވާފައެވެ. ނަމަވެސް ތަޙްޤީޤު ފުރިހަމަ ނުވާކަމަށްބުނެ ޕީޖީ ވަނީ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ.

މަރުކޮމިޝަނުން ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓް ނެރުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ޑރ. ޝަހީމްއާއި ސަލަފު ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ފާސްކޮށް ކޮށްފައެވެ.

ޝަހީމް ވިދާޅުވީ، އޭނާގެ މައްސަލަ ތަޙްޤީޤު ކުރުމަށް ފުލުހަށް ފޮނުވުމާއިގުޅިގެން މަޖިލީހުން އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ފާސްކޮށް ނިންމި އެންމެހާ ނިންމުމެއް ބާޠިލް ވާނެކަމަށް ދެކޭކަމަށެވެ. "އެއީ އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވެފައި ވަނީ މަރު ކޮމިޝަނަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް އަފްރާޝީމް މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަށް މަސައްކަތް ކުރަނީ ހަޤީޤީ ޤާޠިލުން ފޮރުވުމަށް ކަމަށެވެ. ޝަހީމް ވަނީ ކޮމިޝަނުގެ މެންބަރުންގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ސުއޫދު އަންޔަން ކުރުމާއި ގުޅިގެން އޭނާ ވަނީ މަރުކޮމިޝަންގެ ރައީސްކަމުގެ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

މަރުކޮމިޝަނުން ފޮނުވި ދަޢުވާތަށް ޕީޖީ އަނބުރާ ފޮނުވާލުމުން ދޭހަވަނީ ސުއޫދު ކުޅެނީ ސިޔާސީ ކުޅިއެއްކަމަށް ޝަޙީމް ވަނީ ވިދާޅުވެފައެވެ. "ސުޢޫދު ސްޕްރީމް ކޯޓުން އަޒުލު ކުރަންޖެހޭ" ޝަހީމް ވިދާޅުވެފައިވެއެވެ. އަދި އޭނާއަކީ ނަޒާހާތްތެރިކަން ގެއްލިފައިވާ މީހެއްކަމަށާއި، ތަޙްޤީޤު ފުރިހަމަ ނުކޮށް ރިޕޯޓް ނެރުނު މައްސަލާގައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ