ކ.ކާށިދޫ

މަސްތުވާތަކެއްޗާއެކު ކާށިދޫ އިން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކ.ކާށިދޫގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ކާށިދޫން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކާށިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޖަނަވަރީ މަހުގެ 9 ވަނަ ދުވަހުގެ 21:55 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މި އޮޕަރޭޝަންގައި އެރަށު އަތިރިމަތިން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް އެއްޗެއް އެއްލައިލިތަން ފެނުމުން އެ ނަގައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ. ގާފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

ކާށިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ