ރައިޒީނާ ޑައިލޮގްގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ތަޤްރީރު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވަރ ރިސަރޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް ގުޅިގެން ބާއްވާ ބައިނަލްއަޤްވާމީ ބައްދަލުވުމެކެވެ.
މިނިސްޓަރ ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރާއި އޮބްޒާވަރ ރިސަރޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.
މި ބައްދަލުވުމުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ތަޤްރީރުކުރައްވާނެއެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ މިބައްދަލުވުން ކުރިއަށްދާނީ މިހިނގާ ޖެނުއަރީ 14 ން 16 ގެ ނިޔަލަށެވެ.




