"ގުޑް ނިއުޒް" އަށް ބޮޑު ކާމިޔާބީއެއް!

މިދިޔަ އަހަރު ޑިސެމްބަރު މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމް "ގުޑް ނިއުޒް" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. އެގޮތުން ފިލްމަށް މިހާރު ވަނީ 300 ކްރޯޑްގެ އާމްދަނީއެއް ލިބިފައެވެ.

ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދީފައިވާ މި ކޮމެޑީ ފިލްމުގައި ކިޔައި ދެނީ އައި.ވީ.އެފް ހަދައިގެން ދަރިން ހޯދަން އުޅޭ ދެމަފިރިއެއްގެ ދަރިފަނި އެހެން ދެމަފިރިއެއްގެ ދަރިފަންޏާ އޮޅުންބޮޅުން ވެގެން ހިނގާ ހާދިސާތަކެކެވެ.

ގުޑް ނިއުޒް 300 ކްރޯޑުގެ ކްލަބުން ޖާގަ ހޯދާފައިވާކަން، ކަރަން ކޮށްފައިވާ ޓްވީޓަކުން ހާމަކޮށްފައިވެއެވެ. މި ފިލްމް ރިލީޒްކުރިތާ 6 ދުވަސްތެރޭގައި މި ފިލްމަށް ވަނީ 100 ކްރޯޑުގެ އާމްދަނީއެއްވެސް ލިބިފައެވެ.

މި ފިލްމްގެ ލީޑު ރޯލުން ފެނިގެން ގޮސްފައިވަނީ، އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރާިއި، ކިއާރާ އަދުވާނީ އަދި ލަވަކިޔުންތެރިޔާ ދިލްޖީތު ދޮސަންއެވެ. ފިލްމްގައި އަކްޝޭ އަދި ކަރީނާ ދެމަފިރިންގެ ރޯލުން ފެނިގެންގޮސްފައިވާއިރު، ކިއާރާ އަދި ދިލްޖިތް ވެސް ފެނިގެންދަނީ ދެމަފިރިންގެ ރޯލުންނެވެ.

މިއަހަރު ރިލީޒްކުރި އަކްޝޭގެ ފިލްމްތަކުގެ ތެރެއިން، ގުޑް ނިއުޒް ވެގެންގޮސްފައިވަނީ، މިއަހަރު 100 ކްރޯޑުގެ ކުލަބުން ޖާގަހޯދި އަކްޝޭގެ 4 ވަނަ ފިލްމަށެވެ. މި ލިސްޓުގައި ހިމެނޭ އިތުރު ފިލްމްތަކަކީ، "މިޝަން މަންގަލް"، "ހައުސްފުލް 4"، އަދި "ކޭސާރީ" އެވެ.

ގުޑް ނިއުޒް އަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، ކްރިޓިކްސް އަދި ފިލްމް ބެލި ފަރާތްތަކުގެ ފަރާތުންވެސް ފިލްމަށް ދީފައިވަނީ ގިނައިން ޕޮސިޓިވް ކޮމެންޓްސްކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ