ޓޫރިޒަމާބެހޭ ޤަވާއިދުތައް އަލުން އެކުލަވާލަން އާންމުންގެ ޚިޔާލު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ފުރުޞަތު ހުޅުވާލައިފިއެވެ.
އެގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ވިދަޅުވެފައިވަނީ، އެ މިނިސްޓްރީން މިހާރު ޢަމަލުކުރަމުންދާ ހުރިހާ ޤަވާޢިދުތަކެއް އިޞްލާޙުކޮށް ޓޫރިޒަމް ޞިނާޢަތުގެ މަސްލަހަތުވެރިންނާއި ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު އަލުން ޤަވާއިދުތައް އެކުލަވާލަން އެ މިނިސްޓްރީން ނިންމާފައިވާކަމަށެވެ.
އެހެން ކަމުން އެ މިނިސްޓްރީން ބުނެފައިވާ ޤަވާޢިދަށް އާންމު ފަރާތްތަކުން ފެނިވަޑައިގަންނަވާ އިޞްލާޙުތައް ހުށަހެޅުއްވުމުގެ ފުރުޞަތު 23 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
އެމިނިސްޓްރީން އާންމުގެ ޚިޔާލު ހޯދަމުން ދަނީ ޓޫރިޒަމާ ބެހޭ ތިން ޤަވާއިދަކަށެވެ. އެއީ "ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ތަފާސް ހިސާބު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމާބެހޭ ގަވާއިދު" އާއި "އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ޓޫރިސްޓް ރިޒޯޓުތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ގަވާއިދު" ގެ އިތުރުން "ފަތުރުވެރިންގެ ރަމްޒީ ކައިވެނީގެ ޙަފްލާ ބޭއްވުމާއިބެހޭ ގަވާއިދު" އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައިވަނީ އަލުން އެކުލަވާލުމަށް ހަމަޖެހިފައިވާ އެހެނިހެން ޤަވާޢިދުތައްވެސް އާންމުންގެ ޚިޔާލަށް ކުރިއަށް އޮތްތަނުގައި ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ.




