ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގޮނޑި ބަހަން ކޯލިޝަން ބައިވެރިންނާއެކު އެއްބަސްވުނެއް އެކުލަވާލާފައި ނެތްކަމަށް ދޭހަވާ މޭރުމަކުން ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ އއ.އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުމަށް މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އއ.ތޮއްޑޫގައެވެ.
ނަޝީދު ވިދާޅުވީ، އިއްތިހާދެއް ހެއްދެވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުން ނިންމުމަށް ކަމަށާއި، ކޯލިޝަނުގެ ބައިވެރިންނަށް އެއް ފިކުރަކަށް އާދެވިފައި ނުވާ ކަމަށެވެ. އެއްބަސްވެވުނު ހަމައެކަނި ކަމަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ތާއީދުކުރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އެ އިއްތިހާދު އެކުލަވާލާލުމުގައި ފިކުރީ އެއްބަސްވުމެއް ނެތް. އެއް ހިޔާލަކަށް، އެއް މަސްލަހަތަކަށް، އެއް ފިކުރަކަށް އަޅުގަނޑުމެންނަކަށް ނާދެވޭ. އަޅުގަނޑުމެންނަށް އާދެވުނު ފިކުރަކީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރުމަށް ހުރިހާ ޕާޓީތައް އެއްބަސްވާ ކަމާއި، އަދި އެ އިންތިޚާބުގައި ހުރިހާ ޕާޓީތަކުން ރައީސް ޔާމީނާ އިދިކޮޅަށް ނެރޭނެ ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބާ ޚިލާފަށް މަޖިލިސް އިންތިޚާބަކީ ސީދާ ރައްޔިތުން ގޮތް ނިންމާ އިންތިޚާބެއް ކަމަށާއި، އެއްބަވެވުނު ދެވަނަ ކަމަކީ ސަރުކާރުގެ ހިއްޞާ ބެހުން ކަމަށެވެ.
"އެ އެއްބަސްވުމާ އެކުގައި އަޅުގަނޑުމެން ވެތިބި އެއްބަސްވުމަކީ ސަރުކާރު އެކުލަވާލުމުގައި ޕާޓީތަކުގެ ހިއްސާ ބޭއްވުމަށް އަޅުގަނޑުމެން ވީ އެއްބަސްވުން. ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަކީ ވަކިވަކި ދާއިރާގައި ސީދާ އެރައްޔިތުންގެ ނިންމުންތަކެއް ވަރަށް ޚާއްޞަގޮތެއްގައި ނިންމާ އިންތިޚާބެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި ގޮނޑި ބަހައިފިނަމަ ރައްޔިތުންގެ ފިކުރު ދޫކޮށްލައި، ތާއީދުކުރާކެންޑިޑޭޓް ނޫން ކެންޑިޑޭޓަކަށް ވޯތުދޭން ރައްޔިތުންނަށް މަޖުބޫރު ކުރަންޖެހޭ ކަމަށާއި، އެއީ ޑިމޮކްރަޓިކް އުޞޫލެއް ނޫންކަމަށެވެ.
އެއީ ހަރުދަނާ އުޞޫލެއް ނޫން ކަމަށާއި، އެއީ ދުނިޔޭގެ އެއްވެސް ތަނެއްގައި އިއްތިހާދެއް އެކުލަވާލަން ބަޔަކު ކަންކޮށްފައިވާ ގޮތެއްވެސް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.




