ރާއްޖޭގެ ދެކުނުގެ ރަށެއްގައި އާއިލާގެ ތިން މެންބަރުން ވެގެން ރޭޕްކޮށްލި އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖާ މާލެގެނސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.
ތުއްތު ކުއްޖާ މާލެ ގެނެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާކަން ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ރޭ މެެންދަމު ނެރުނު ނޫސްބަޔާނުގައި ވަނީ ހާމަކޮށްފައެވެ.
ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ތުއްތު ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް ވަޒަންކުރުމަށް މާލެ ގެނެސް ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ތުއްތު ކުއްޖާ އެޑްމިޓް ކުރެވުނު ހޮސްޕިޓަލެއް ހާމަކޮށްފައެއް ނުވެއެވެ.
"ކުއްޖާގެ ބޮޑުދައިތައަށް ގިނަ ދުވަސްތަކެއް ވަންދެން ކުއްޖާ ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވުމުގައި ދަތިތަކެއް ހުރުމާއެކު، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރުން އެންމެ ރަނގަޅު ފަރާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ކުއްޖާގެ މާމަކަމަށްވުމާއި، މާމާއާ ކުއްޖާ ޙަވާލުކުރުމަށާއި، ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފާހަގަކުރެވިފައިވާތީ، ކުއްޖާއަށް ލިބިފައިވާ ގެއްލުންތައް އިތުރަށް ވަޒަންކުރުމަށްޓަކައި 2020 ޖަނަވަރީ 17 ވަނަ ދުވަހުގެ ރޭ 2030 ހާއިރު ކުއްޖާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ޙަވާލުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ކުއްޖާ މާލެ ގެނެވި ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވޭ." ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ގުޅިގެން ނުރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި ތުއްތު ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕައާއި، އުމުރުން 62 އަހަރުގެ ބައްޕަ ފަރާތު ކާފައާއި އުމުރުން 82 އަހަރުގެ މުނިކާފަ ވަނީ އިއްޔެ ފުލުހުން ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ކާފައާއި މުނިކާފަގެ ބަންދަށް ރޭ ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އަދި ކުއްޖާގެ ބައްޕަގެ ބަންދާމެދު ވަކި ގޮތެއް ނުނިންމައެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ދަނީ މަސައްކަތް ކުރެވެމުންނެވެ.



