ކޮޓަރީގެ ދޮރުން ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒީނާގެ ހަށިގަނޑުގައިވި ބަރްޝާ ވަނީ ރުޅިގަދަވެފައެވެ. ނާއިލްއެގެއަށް ޔަހުޔާ ވެއްދުމުންނެވެ. އަނެއްކޮޅުން ދެމީހުން ވަދެ ފިލާ ތިބި ކޮޓަރިއަށް އޭނާއަށް ވަދެވޭކަށް ނެތެވެ. ކުރެވޭނެ ހުރިހާ ވެސް ކަމަކީ އެދެމީހުން ބޭރަށް ނެރެން މަސައްކަތް ކުރުމެވެ. ބޭރުގައި ހުރެގެން ބިރު ދެއްކުމެވެ. ނަމަވެސް ޔަހުޔާ އެއަށްވުރެ ބޯ ހަރުވާނެކަން ބަރްޝާއަށް އެނގެއެވެ. ކަންތަށް ކުރާނެ ގޮތެއް ނޭނގިފައި ދެބައިމީހުންނަށްވެސް ތިބެވުނީއެވެ.
ކޮޓަރި ތެރޭގައި ދެމީހުން ތިބޭތާ އެތަށް އިރެއް ވީއެވެ. ނުކުމެވޭނެ އިރެއް ނޭނގި އެވަގުތެއް ޖެހޭނެ ކަމުގެ އިންތިޒާރުގައެވެ. އަނެއްކޮޅުން ގޭގައި ހިފާގެންގުޅޭ ތަކެތި ވެއްޓި ހަލާކުވާ އަޑު އިވެމުންދިޔައެވެ. ގޭގެތެރެއިން މީހުން ހަޅޭއްލަވާ އަޑާއި ހޭ އަޑުވެސް އިވެނީއެވެ. ބައެއް ފަހަރު ގެއަށް މީހަކު އައީ ކަމަށް ހީކޮށް ދޮރު ހުޅުވަންދާންވެސް ނާއިލް ބޭނުންވެއެވެ. ނަމަވެސް ޔަހުޔާގެ ސަބަބުން ނުދެވި މަޑުކުރަން ޖެހެނީއެވެ.
ކޮޓަރިތެރޭގައި ގިނައިރު ވުމުގެ ސަބަބުން ނާއިލްއާއި ޔަހުޔާއަށްވެސް މަޑުން ތިބެވޭ ވަރެއް ނޫނެވެ. އެއް އަލަމާރިއެއް ހާވާލުމަށްފަހު އަނެއް އަލަމާރިއެއް ހާވާލެވެނީއެވެ. މިފަދަ ގޮތަކަށް ތަކެތި ހާވަމުން ދަނިކޮށް ނާއިލްއަށް ފެނުނީ ކޮޓަރީގެ ކަބަޑެއްގެ މަތީގައި އޮތް އެއްޗެކެވެ. ރަތްކުލައިގެ ފޮތިގަނޑެއް އޮޅާފައިވާއިރު އެ ފޮތިގަނޑުގައިވެސް ވަނީ ހުސް ހިރަފުހެވެ. ކޮން އެއްޗެއް ކަމެއް ނޭނގުނު ނަމަވެސް، އެއީ ކޮން އެއްޗެއްތޯ ބަލާލުމުގެ ޝައުގު ހިތުގެ ތެރޭގައި އުފެދުނެވެ. އެހެން ކަމުން އެ ރަތްފޮތިގަނޑު އޭގެ މަތިން ނަގާ އެއްފަރާތް ކޮށްލިއެވެ.
އެއީ ރީތިކޮށް ހަދާފައިވާ ދަގަނޑު ފޮއްޓެކެވެ. ކިތަންމެ ކުޑަ ނަމަވެސް ނިކަން ރީތި ފޮއްޓެކެވެ. ބޭރުގައި ރީތިކޮށް ލިޔެލާ ޖަހާފައިވާފަދަ ކުރެހުންތަކެއް ކަފާ ނަގާފައިވެއެވެ. ނާއިލް އޭގެ ތެރޭގައި ވަނީ ކޮން އެއްޗެއްތޯ ބަލާލަން ފޮށި ހުޅުވާލަން ބޭނުންވިއެވެ. ނަމަވެސް އެފޮށި ހުރީ ތަޅުލާފައެވެ. އެންމެ ތަޅެއްނޫނެވެ. ހަތަރު ތަޅުލާފައި ހުއްޓެވެ. ނާއިލް އަވަސްވެގަތީ އެތަނުން ކަބަޑެއްގައިވެސް ތަޅުދަނޑިއެއް އޮތްތޯ ބެލުމަށެވެ.
"ކޮން އެއްޗެއް ތިޔަ ހޯދަނީ؟" ނާއިލް މާ ވަރެއް ދައްކާލައިފާ އެއްޗެއް ހޯދާތީ ޔަހުޔާއަށް އަހާލެވުނެވެ.
"މިތަނުން ފެނުނު މާ ރީތި ފޮއްޓެއް. އެކަމަކު މީގެ ތަޅުދަނޑިއެއް ނުފެނުނު" ނާއިލް މޫނުގައި ހިއްލާފައިވާ ދާތަށް ފޮހެލަމުން ބުނެލިއެވެ. ޔަހުޔާވެސް ނާއިލް ކައިރިއަށް ޖެހިލާ އެ ފޮއްޓަށް ބަލާލިއެވެ.
"ހިއެއް ނުވޭ ތަޅުދަނޑި ފެނިދާނެހެނެއް. ތަޅުދަނޑި ދައްކަން ބޭނުން މީހަކު ނަމަ ކީއްކުރަން ތިހާ ބައިވަރު ތަޅުތަށް ލާންވީ؟ އަހަންނަށް ފެންނަނީ ތަޅު ހަލާކުކޮށްލަން" ޔަހުޔާވެސް އޭގައިވީ އެއްޗެއް ބަލާލަން ބޭނުންވިއެވެ.
"ހިނގާ ހަލާކުކޮށްލަމާ. ކޮންމެ ގޮތެއް ވިޔަސް ބައްޕަމެންގެ އެއްޗެހި ދޯ ހުންނާނީ" ނާއިލްވެސް ޔަހުޔާގެ ހިޔާލަށް ތާއީދު ކުރިއެވެ.
ކޮޓަރީގެ އެކި ތަންތަން ހޯދާބަލެނު ފަހުން ފެނުނީ ދަބަރަށް ފޮޅިފައިވާ ކުޑަ މަރުތޭލެކެވެ. ކޮންމެ ހާލެއްގައި ވި ނަމަވެސް އޭގެން އެމީހުން ކުރަން ބޭނުންވި ކަންތައް ވާވަރު ވުމުން ދެމީހުންވެސް ތިބީ ނިކަން އުފަލުންނެވެ.
ފޮށީގެ އެތެރެވެސް ހުރީ ރަތްކުލައިގައެވެ. ފޮށީގެ އެއް ފަރާތެއްގައި ހުރީ ހިކި އަނރޫފަ ވެފައި އެއްޗެހިތަކެކެވެ.
"ކިނބިމާ" ޔަހުޔާ އެތަނުން އެތިކޮޅެއް އަތަށް ލުމަށްފަހުގައި ރަނގަޅަށް ބަލާލިއެވެ.
އޭރު އޭގެ ތެރޭގައި ހުރި ގަނޑުތަކެއް ނަގައިގެން ނާއިލް އުޅެއެވެ.
"ކިޔާލަބަލަ" ޔާހުޔާ އެދުނެވެ. ދެމީހުން ފޮށި ހިފައިގެން ގޮސް ދެފައި ވައްކޮށްލައިގެން ބިންމަތީގައި އިށީނެވެ.
ބޭރަށް ދެވެން ނެތުމުން ކޮޓަރީގައި ފޫހިފިލުވުމަށެވެ.
"ބަދުރިއްޔާއަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވެ. އަހުރެން އޭނާއާއި ކައިވެނި ކުރީ މުޅި އުމުރަށް ދިރިއުޅުމަށްޓަކައެވެ. ހަތްދަރިން ލިބުނު އިރު ދެމަފިރިން ދެމެދު އޮންނަ ގުޅުމަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. މިހުންނަނީ މީހުންގާތުގައި ދައްކަން ހެޔޮ ވާވަރުގެ ވާހަކައެއް ނޫނެވެ. އަނބިމީހާގެ ރަނގަޅުކަމާއި ހެޔޮކަމަކީ ރަށުތެރޭ، ކިއެއްތަ މުޅި އަތޮޅަށް އެނގޭނޭ ކަމެކެވެ. އަހުރެންނާއި ބަދުރިއްޔާއާއި ދެމެދުގައި ޖެހެމުން އައި ހަމައެކަނި މައްސަލައަކީ ވަގުތުގެ މައްސަލައެވެ. ހަތްދަރިން ގޮވައިން އުޅުމުގެ ސަބަބުންނެވެ. އެވަރު މޮޔަ އަހަންނަށް ނުވިސްނި ގައިގާ ޒޯރު ހުރި ދުވަހު ކާށިކެއުމަށް އަވަސްވެ ގަތީމެވެ.
ގެއަށް ވަންނަ ކޮންމެ ފަހަރެއްގައި ކަންފަތުގައި ޅަދަރިންގެ ރުއިމުގެ އަޑާއި ސަކަރާތުގެ އަޑު ޖެހުމުން އަހަރެން ފޫހިވެ ރުޅިއަންނަ ގޮތްވަމުންދިޔައެވެ. އަނބިމީހާ ނިކަމެތިކޮށްލާ އެއްގެއިން އަނެއްގެއިން ގުލާނު ކުރުމަށް ދޫކޮށްލާ އަހުރެންގެ ވަހުށީ ކަންމަތީ އެއްމަލުން ފޮނިކޮޅު ބޯލުމަށްފަހު އަނެއް މަލެއް ހޯދަމުން ދިޔައީމެވެ.
އެހެން މީހުންނަށް ވަދެވެނީ ކަށިބޯ ބިޔަ ޖަންގައްޔަށެވެ. ނަމަވެސް އަހުރެންނަށް ވަދެވުނީ މީރުވަސް ދުވާ ހިތްގައިމު ކިނބިވަލަކަށެވެ. އެ ކިނބިވަލުން ނުނުކުމެވި އެތެރެއަށް ވަދެވަދެގެން އަހުރެން ދިޔައީ އެނބުރި ފަހަތް ބަލާލުމެއް ނެތިއެވެ. އެ ވަހުގެ އަވައިގައި ޖެހި ޕަރުވާނާވެގެންނެވެ. އަހުރެންގެ ފަހަތުން ވީރާނާވެ ހަލާކުވަމުން ދިޔަ އާއިލާ ފެނުނު އިރު ވަގުތު ފާއިތު ވެއްޖެއެވެ.
އެއް އިރެއްގައި ލޯބިވީ އަނބިމީހާ ދުނިޔެ ދޫކުރީއެވެ. އެއަށް ފަހު ފަހަރަކު ދަރިއަކު މިދުނިޔެ ދޫކުރަން ފެށީ އަހުރެންގެ ކުރިމަތީގައެވެ. ހަފްތާއެއްގެ ތެރޭގައި ތިން ދަރިން ލޯ ކުރިމަތީގައި މަރުވެގެން ދިޔަތަން ފެނުނެވެ. އަނެއް ތިންދަރިން ޖެހިގެން އައި ހަފްތާގައެވެ. ދިރިހުރީ އެންމެ ދަރިއެކެވެ. އެދަރިވެސް މަރުތަންމަތީގައި ތެޅެނީއެވެ. އަހުރެންގެ ލަގޮނޑިއަށް ކެތް ނުވެގެން އެ ދަރިފުޅު ތަސްލީމު، ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދިޔައީމެވެ.
މިކަމުގައި ފަންޑިތަ ސިހުރު ހެދުމަށްވެސް އަހުރެން ހުރީ ތައްޔާރަށެވެ. މިގޮތުގެ މަތިން ސިހުރު ހަދާ އުޅޭ މޮޅު ބޭކަލެއްގެ ގާތަށް އަހުރެން ދިޔައީމެވެ. އެވަގުތު އޭނާ އަހުރެން ގާތުގައި ބުންޏެވެ. އަހުރެންނަށް ލިބެންއުޅޭ ދަރި ގުރުބާން ކުރުމަށްފަހުގައި ދުނިޔޭގައި ހުރި ދަރި ސަލާމަތް ކުރެވޭނެ ކަމަށެވެ.
އަހުރެންގެ ދަރިއަކަށް ކޮންމެވެސް އަންހެނަކު ބަލިވެއިންކަން ރޭކާލީވެސް އެހާ ހިސާބުންނެވެ. އިތުރު ވިސްނުމެއްނެތި އަހުރެން އެމީހާ ބުނި ހުރިހާ ކަމަކަށް ރުހި ގަބޫލު ވެއްޖައީމެވެ. އަދި އަހުރެންގެ ދަރިފުޅު މަރުގެ ތަންމަތިން ސަލާމަތްވެއްޖެއެވެ. އަނެއްކޮޅުން ކިނބިވަލުގައި، ކިނބިމާތަކުގެ މަތީގައި ލޯބީގެ އެތަކެއް ވައުދެއްވި ކަމަނަގެ ދަރިފުޅު ގުރުބާން ކުރެވުނީއެވެ. ސިހުރުގެ ބާރުގައެވެ.
ކަމަނަގެ ހަގީގަތާއި ނަފްރަތު އަހަންނަށް އެނގުނީ އެދުވަހުގައެވެ. އަހުރެންގެ ހުރިހާ ދަރިން މަރަމުން ގެންދިޔައީ އޭނާގެ ބަނޑުގައި އޮތް އަހުރެންގެ ދަރީގެ ހައްގުގައެވެ. އެހެނަސް ކަމަނައަކީ އިންސާނެއް ނޫންކަން އަހުރެންނަށް އެންމެ ފަހަރަކުވެސް އެނގުނު ނަމައެވެ. ކިނބިމަލުގެ ވަހުގެ ޝިކާރައަކަށް ނުވީމުހެވެ. " ނާއިލް އެ ގަނޑު ކިޔާ ނިންމާލިއެވެ. ގަނޑުގެ އެއްބައި ވީދާލާފައި ވުމުން އަނެއްބައިގައި ވީ އެއްޗެއް ނޭނގޭ ހާލުގައެވެ.
"މިއީ ދޯ ހުރިހާ ކަމެއް ފެށުނު ގޮތަކީ. އެކޮއި ބަލާބަލަ ނިކަން އެހެން ގަނޑެއްވެސް ތީގެ ތެރޭގައި އޮތްތޯ." ޔަހުޔާވެސް ފޮށިތެރެ ބަލަން ފެށިއެވެ.
ސިޓިންގ ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒީނާގެ މޫނުމައްޗަށް ވެރިވެފައިވީ ބިރުވެރި ހިނިތުންވުން އަދިވެސް އެގޮތުގައި ހުއްޓެވެ. އެ ކޮޓަރިން ކޮންމެވެސް އެއް އިރެއްގައި އެދެމީހުން ނުކުންނަން ޖެހޭނެ ކަން އެނގޭ ހާލުގައެވެ. ބައެއް ފަހަރު ކަރުބުޑުން ބިރުވެރި އަޑެއް ލައްވާލާނެއެވެ. އަނެއްބައި ފަހަރު ހޭން ފަށާނެއެވެ. އަނެއްބައި ފަހަރު ޒީނާގެ އަޑުން ރޯން ފަށާނެއެވެ. ލޯބިވާ ފިރިމީހާއަށް ގޮވާނެއެވެ. އެފަދަ ވަގުތުތަކުގައި ދުވެފައި ކޮޓަރިން ނުކުންނަން ނާއިލް ބޭނުންވެއެވެ. ނަމަވެސް ޔަހުޔާގެ ކުޅަދާނަކަމުން އެކަން ނުވަނީއެވެ.
"އަދި އެބައޮތް" ނާއިލް އަށް އެހެން ލިޔުމެއް ފެނުނީ ފޮށީގައި އިން ފޮތިކޮޅު ހަލާކުކޮށްލުމުންނެވެ. ނަމަވެސް އޭގައި ލިޔެފައިވީ އެއްޗެއް ނާއިލްއަށް ކިޔާކަށް ނޭނގުނެވެ. އެއީ ދިވެހި ބަހުން ލިޔެފައިވި އެއްޗެއް ނޫނެވެ.
"ނޭނގޭ މީތި ކިޔާކަށް" ނާއިލް އެހެން ބުނެލިއެވެ. ޔަހުޔާ ނާއިލްއަތުން އެ ކަރުދާސްގަނޑު ނަގާ ރަނގަޅަށް ބަލާލިއެވެ. އަދި އިރުގަނޑެއް ވަންދެން އެއަށް ބަލަން ހުއްޓެވެ.
"މިއީ ނާއިލްގެ ކާފަ، ނާއިލްގެ ބައްޕަ މިހުރިހާ ކަމަކުން ސަލާމަތް ކުރުމަށް ހެދި ފަންޑިތައެއް. މިކަން ކުރުމުގެ ތެރޭގައި ނާއިލްގެ ކާފަ އުސްމާނުއާއި އެއްކޮށް އުޅުނު ވަރަށް ގިނަބައެއްގެ ފުރާނަވެސް ވަނީ ގޮސްފައި. މިއީ ވަރަށް ވަރުގަދަ ފަންޑިތައެއް. މިހާ ވަރުގަދަ ކަމެއް ކޮށްފައި ވަނިކޮށް ނާއިލްގެ ބައްޕަ ތަސްލީމަށް އެހެން ވާންޖެހުނު ސަބަބެއް ނުވިސްނޭ. އަނެއްކާ ޒީނާއަށް ހުރިހާ ކަމެއްގެ ބާރެއް ފޯރަންޖެހުނު ސަބަބެއްވެސް ނޭނގޭ. މީތި މި ކޮޓަރީގައި އޮތީމަ އޭނައަށް މި ކޮޓަރިއަށް ނުވަދެވިގެން އެ އުޅެނީ." ޔަހުޔާ ވިސްނާލިއެވެ.
ދެމީހުން އެކުގައި ހޯދަންފެށީ ގޮތް ނޭނގޭ އެއްޗެކެވެ. ހިފާ ގެންގުޅޭ އެއްޗެއް، ބަހައްޓާ އެއްޗެއް ނުވަތަ ލިޔުމަކަށްވެސް ވެދާނެ ކަމަށް ބަލާފައެވެ. މުޅި ކޮޓަރި އެފުށް މިފުށަށް ޖަހަމުން ދެމީހުން ގެންދިޔައީ އެތަނުން ނުކުމެވޭނެ ކަމުގެ އުއްމީދެއް ލިބިދާނެކަމަށް ދެކިގެންނެވެ.
ނުނިމޭ