ކިނބިވަލު ކަމަނަ (16)

(ފަނަރަވަނަ އަދަދާއި ގުޅޭ)

"މިއީ ނާއިލްގެ ކާފަ، ނާއިލްގެ ބައްޕަ މިހުރިހާ ކަމަކުން ސަލާމަތް ކުރުމަށް ހެދި ފަންޑިތައެއް. މިކަން ކުރުމުގެ ތެރޭގައި ނާއިލްގެ ކާފަ އުސްމާނުއާއި އެއްކޮށް އުޅުނު ވަރަށް ގިނަބައެއްގެ ފުރާނަވެސް ވަނީ ގޮސްފައި. މިއީ ވަރަށް ވަރުގަދަ ފަންޑިތައެއް. މިހާ ވަރުގަދަ ކަމެއް ކޮށްފައި ވަނިކޮށް ނާއިލްގެ ބައްޕަ ތަސްލީމަށް އެހެން ވާންޖެހުނު ސަބަބެއް ނުވިސްނޭ. އަނެއްކާ ޒީނާއަށް ހުރިހާ ކަމެއްގެ ބާރެއް ފޯރަންޖެހުނު ސަބަބެއްވެސް ނޭނގޭ. މީތި މި ކޮޓަރީގައި އޮތީމަ އޭނައަށް މި ކޮޓަރިއަށް ނުވަދެވިގެން އެ އުޅެނީ." ޔަހުޔާ ވިސްނާލިއެވެ.

ދެމީހުން އެކުގައި ހޯދަންފެށީ ގޮތް ނޭނގޭ އެއްޗެކެވެ. ހިފާ ގެންގުޅޭ އެއްޗެއް، ބަހައްޓާ އެއްޗެއް ނުވަތަ ލިޔުމަކަށްވެސް ވެދާނެ ކަމަށް ބަލާފައެވެ. މުޅި ކޮޓަރި އެފުށް މިފުށަށް ޖަހަމުން ދެމީހުން ގެންދިޔައީ އެތަނުން ނުކުމެވޭނެ ކަމުގެ އުއްމީދެއް ލިބިދާނެކަމަށް ދެކިގެންނެވެ.

ގޭތެރެއިން އިވެމުން ދިޔަ އަޑުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހީވަނީ ވަގުތުވެސް ހުއްޓިފައިވާހެންނެވެ. ނާއިލްއާއި ޔަހުޔާއަށް އެތަނުން ނުކުމެވޭނެ ގޮތެއް ނޭނގި، ގޮތެއް ފެނޭތޯ ބެލުމަށް މުޅިތަން ހާވަނީއެވެ. މޭޒެއްގެ މަތީގައި ބަހައްޓާފައި ހުރި މާވަށިގަނޑެއް ވެއްޓި ތެޅުނީ ދެމީހުން އެފަދައިން  ތަންތަން ހޯދަން ހާވަނިކޮށެވެ.
ވެއްޓި ތެޅުނު މާވަށީގެ ތެރޭގައި އޮތީ ރަތްފޮތިކޮޅަކުން ބަނދެލާފައި އޮތް ކުޑަކުޑަ އެއްޗެކެވެ. ނާއިލްއޭތި ނަގާ ޔަހުޔާއަތަށް ދިނެވެ. ޔަހުޔާ މަޑުމަޑުން އޭތި ނަގާ އޭގެ ވަށައިގެން ބަނދެފައިވި ރޮދިފަށް ނިއުޅުވާލިއެވެ. އަދި އަތްތިލަ މަތީގައި ފޮތިކޮޅު ބާއްވާ ހުޅުވާލިއެވެ. އޭގައި ވީ އަޅިތަކެކެވެ. އެތަށް އިރަކު ވިސްނަން ހުރެފައި ޔަހުޔާއަށް ހިޔާލެއް އައެވެ.

"އެކޮއި އަހަންނަކަށް ޔަގީނެއް ނޫން އަހަރުމެން ދެމީހުންނަށް މިތަނުން ސަލާމަތްވެވިދާނެހެނެއް. އެހެންވީމަ ކަނުލާ އަހަރެން ދައްކާ ވާހަކަ އަޑުއަހާތި. ނާއިލްގެ ބައްޕަ ހުރިހާ ކަމަކުން ސަލާމަތް ކުރަން ހަދާފައި އޮތް ފަންޑިތަ ގަނޑުކޮޅު އަހަރެން ނާއިލް އަތަށް ދޭނަން. ނާއިލް އަތުގައި އެ ގަނޑުކޮޅު އޮއްވާ ބަރްޝާއަކަށް އެއްވެސް ކަމެއް ނުކުރެވޭނެ." ޔަހުޔާ ބުނެލިއެވެ.

"ބަރްޝާއޭ؟" ނާއިލް ހައިރާންވިއެވެ.

"އާނ އެއީ ބަރްޝާ. މިގެއަށް ކުދިން ބަލަންށޭ ކިޔާފައި އައިސްގެން އުޅޭ ބަރްޝާ." ޔަހުޔާ ނާއިލްއަށް ބަލަން ހުރެފައި އަނެއްކާވެސް ބުނެލިއެވެ. ނާއިލްއަށް އިސްޖަހާލެވުނެވެ.

"ކަމެއްވީތަ އެކޮއި" ޔަހުޔާއަށް ނާއިލްގެ މޫނުމައްޗަށް އެރި ކުލަވަރު ފެނުނެވެ.

"އަހަރެން. އަހަރެން." ނާއިލްއަށް ރޮވެން ފެށުނެވެ.

"ޒީނާ ތަކުރާރުކޮށް އަހަންނަށް ބުނެދޭން މަސައްކަތް ކުރި. "އޭނަ" މިގެއިން ނެރޭށޭވެސް ބުނި. އެކަމަކު އަހަންނަކަށް ނުވިސްނުނު. ނޭނގުނު. ޒީނާ އެހާލުގައި ވީ ހިނދު އަހަރެންގެ ހިތް ބަރްޝާއަށް އެދެމުންދިޔަ. އަހަންނަކީ ދުވަހަކުވެސް ޒީނާ ނޫން މީހަކާއި ދިމާއަށް ބަލާވެސް ލީ މީހެއް ނޫން. އެކަމަކު ބަރްޝާއާއި ދިމާވުމުން މުޅިން ހުރިހާ ކަމެއް ބަދަލުވެގެން ދިޔަ ހެން ހީވާންފެށި." ނާއިލްގެ ލޮލުން ކަރުނައިގެ ކޯރެއް ބަންޑުންވަމުން ދިޔައެވެ.

"އެކޮއި ބަރްޝާއާއި ގާތްވިންތަ؟" ޔަހުޔާ ސުވާލެއް އަމާޒުކޮށްލިއެވެ.

"ނޫން ނޫން. ތިހީކުރާ ކަހަލަ ގޮތަކަށް އަހަންނެއް އޭނައަކާއި ގާތެއް ނުވަން. އެކަމަކު ތަފާތު އެތަށް ފަހަރެއްގެ މަތިން އޭނަ އަހަންނަށް ބަލާގޮތް ފާހަގަވި. އަދި އެއްރޭ އޭނަ ކޮޓަރީގައި ފެންވަރައިން ނުކުތްތަން ދެކުނިން. އަހަންނަށް ހުރެވުނު ބަލަން އެރޭ. އެކަން އޭނައަށް އެނގުނު. އެކަމަކު ދުވަހަކުވެސް އަހަރެން އެފަދަ ގޮތަކަށް އޭނައާއި ގާތެއް ނުވަން" ނާއިލް ވާހަކަ ދެއްކީ އިސްދަށަށް ޖަހައިގެންނެވެ.

"މިރަށަށް އައި ފަހުން އެންމެ ފުރަތަމަ ޒީނާގެ އުޅުމަށް ބަދަލު އަންނަންފެށީ ކިހާ ހިސާބަކުން؟" ޔަހުޔާ ވިސްނާލިއެވެ.

"އެންމެ ފުރަތަމަ މިރަށަށް ފޭބި ދުވަހު ބުނި މޫދުން ތިމަންނަގެ ފައިގާ މީހަކު ހިފާ ދަމައިގަތްހެން ހީވެއޭ. އަހަރެން ބުނިން އެއީ ހީވާ ގޮތެކޭ. މިރަށަށް އައި ފަހުން ޒީއަށް ނުވެސް ނިދޭ. އަބަދު ހުންނަނީ ބިރުގަނެފައި. ޒީ ބުނޭ ދޮރުތަށްވެސް އަމިއްލައަށް ހުޅުވި ލެއްޕޭ ވާހަކަ. ކޮންމެވެސް އެއްޗެއް ޒީއަށް އުނދަގޫކުރާ ވާހަކަ. އަބަދުވެސް ހުންނަނީ ވަރުބަލިވެފައި. އެކަމަކު ދެމީހުން ގާތްވާ ކޮންމެ ވަގުތެއްގައިވެސް ޒީ ހުންނަނީ ވަރަށް ތާޒާކޮށް. ހިއެއް ނުވޭ ވަރުބަލިވެފައި ހުންނަހެން. ބައެއް ފަހަރު އަހަރެންގެ ހިތަށް އަރާ އަހަންނާއި ގައިގޯޅިވެ ހަދާ ޒީއަކީ މުޅިން އެހެން މީހެކޭވެސް." ނާއިލް ޔަހުޔާއަށް ކިޔާދިނެވެ.

"އެއީ ކީއްވެ ތިހެން ތިބުނީ؟" ޔަހުޔާގެ ސުވާލުތަކަށް ޖަވާބު ލިބެމުން ދިޔައެވެ.

"މިސާލަކަށް އަހަރެން ފެންވަރަން އުޅެނިކޮށް ޒީ ފާހާނާއަށްވަދެ އަހަންނާއި ގާތްވެދާނެ. އެކަމަކު އަހަންނަށްވުރެ ކުރިން ޒީ ނުކުމެ ނިދާލާނެ. އަހަރެން ޒީއާއި ގާތްވާން މަސައްކަތް ކުރަންޏާ ބުނާނެ އުނދަގޫވެއޭ. ކޮންމެވެސް އެއްޗެއް ހުންނާނެއޭ ބަލަން. ނޫނީ ތިމަންނަ ވަރަށް ވަރުބައްޔޭ. އެކަމަކު ޒީ ކަމަށް ބޭނުންވެގެން އަންނައިރު ވަރަށް ތަފާތު." ނާއިލްގެ ވާހަކަ އަޑުއަހާލަމުން ޔަހުޔާ ބޯ ޖަހާލިއެވެ.

"އަހަންނަށް އެބަ އެނގޭކަންނޭގެ ކޮންމެވެސް ވަރަކަށް ވެގެން މި އުޅޭގޮތް. އެކަމަކު ކަމުގެ ހުރިހާ ހަގީގަތެއް އެނގެނީ ނާއިލްގެ ބައްޕަގެ ފަރާތުން. މިވަގުތަށް ބުނެވެން އޮތީ އަހަންނަށް ހީވާގޮތެއްގެ މައްޗަށް ބިނާކޮށް. އަހަންނަށް ހީވަނީ އެއީ ޒީނާ ނޫންހެން ނާއިލްއާއި ގާތްވެގެން އުޅުނީ." ޔަހުޔާ ބުނި އެތީގެ ސަބަބުން ނާއިލްގެ ބޮލުގައި ރިއްސާލިއެވެ.

"އެކޮއި، މިވަގުތު މިއީ ތިޔަހެން އިސްޖަހައިގެން އިންނަން ވީ ވަގުތެއް ނޫން. މިވަގުތު މިއީ ވަރަށް ހިތްވަރު ކުރަންޖެހޭ  ވަގުތެއް. އަހަންނަށް އެކަނި މިކަން ކުރެވޭކަށް ނެތް. އަހަރެން މިއުޅެނީ މިކޮޓަރިތެރޭގައި ފަންޑިތައެއް ހަދަން ފަށަން. އަހަރެން ފަންޑިތަ ހަދާ ބަރްޝާ މިކޮޓަރިއަށް ހާޒިރު ކުރާނަން. އެވަގުތު އޭނައަށް މަޖުބޫރުވާނެ ޒީނާގެ ހަށިގަނޑުން ނުކުންނަން. ބަރްޝާއަށް މިކޮޓަރިއަށް ވަދެވޭނީ ތަސްލީމަށް ހަދާފައި އޮތް ފަންޑިތަ މިތަނުން ނެރިގެން. ނާއިލްއަހަންނަށް ކޮށްދޭންވީ ކަމަކީ އެ ހިފައިން މިތަނުން ކުޑަދޮރަކުން ނުކުންނަންވީ. ނުކުމެ ހުރޭ ކުޑަދޮރުން ބަލަން. ބަރްޝާ މިތަނަށް ހާޒިރު ކުރެވުނީމައި ގެއަށްވަދެ ޒީނާ ގޮވައިގެން އަހަރެންގެ ގެއަށްދޭ. އަދި ތަސްލީމު ބަހައްޓާފައި ހުރި ކޮޓަރިއަށް ގޭގައި ތިބި އެންމެން އެއްކޮށް އެ ފަންޑިތަ ގަނޑުކޮޅު އެކޮޓަރީގައި ބާއްވާ. ނަމަނަމަ އެއްވެސް މީހަކު އެކޮޓަރިން ނުނިކުންނާތި. ގެއަށްދާއިރު މީހަކު ގޮވިޔަސް ފަހަތަށް އެނބުރި ނުބަލާތި." ޔަހުޔާ ކަންތައް ކުރަންވީގޮތް ސިއްރު ސިއްރުން ނާއިލްއަށް ކިޔާދިނެވެ.

އާނއެކޭ ބުނުމުގެ ގޮތުން ނާއިލް ބޯޖަހާލިއެވެ. ޔަހުޔާވެސް ވަރުގަދަ ބޮޑު މަސައްކަތަކަށް ތައްޔާރުވާން ފެށިއެވެ. ކޮޓަރިތެރެއަތް ފުނާއަޅައިގެން ބޭނުންވާ ބައެއް ތަކެތި ހޯދާ ޔަހުޔާ ތައްޔާރުވެލިއެވެ. އެއަށް ފަހުގައި  ކޮޓަރީގައި ހުރި ފީވެފައި ހުރި ލަކުޑި ކުޑަދޮރެއް ހުޅުވުމަށް ފަހުގައި ނާއިލްއަތަށް އެ ކަރުދާސް ކޮޅު ދީ ބޭރުކޮށްލިއެވެ. ކުޑަދޮރު އެއްކޮށް ނުލައްޕާ  ބޭރުގައި މަޑުކޮށްލައިގެން ނާއިލް ހުއްޓެވެ. ކޮޓަރިތެރެއަށް ބަލާށެވެ. އޭރުވެސް އަތުގެ ތެރޭގައި އެ ކަރުދާސްކޮޅު ފޮރުވާފައި އޮތެވެ.

ޔަހުޔާގެ އަތްމަތި އަވަހެވެ. ހުސްޖާގައެއް ބިންމަތީގައި ހަދާލައިގެން ދެފައި ވަށްކޮށްލައިގެން އިށީނެވެ. ކޮޓަރިތެރެ ހާވައިގެން ލިބުނު ތެލި އެތާ ބަހައްޓާ އެތެރެއަށް ކަރުދާސްއަޅާ ފުރާލާ އޭގައި އަލިފާން ރޯކޮށްލިއެވެ. އެއަށްފަހުގައި އަޑުހަރުކޮށް ކިޔެވެއްޔެއް ކިޔަވަންފެށިއެވެ. މާގިނައިރުތަކެއް ނުވެ ކޮޓަރީގެ ތެރެއިން އަޑުތަކެއް އިވެން ފެށިއެވެ. ޔަހުޔާގެ ކިޔެވެއްޔަށް އެއްވެސް ބަދަލެއް ނާދެއެވެ. ނާއިލް ކަޅިޖަހާލުމެއްނެތި ބަލަން ހުއްޓެވެ. ނާއިލްއަށް ހުރެވުނު ގޮތުން ކޮޓަރީގެ ދޮރު އަމިއްލަ ޒާތުގައި ހުޅުވުނުތަން ފެނުނެވެ. ނަމަވެސް މީހަކު ވަތްތަނެއް ނުފެނުނެވެ.

ސިއްސައިގެން ދިޔައީ އަލިފާންގަނޑު ކައިރީގައި ކޮށްޅަށްހުރި ބަރްޝާ ފެނުމުންނެވެ. ޔަހުޔާ ދެއްކި ހުރިހާ ވާހަކައެއް ގަބޫލުކުރުން ނޫން އެހެން އެއްވެސް ގޮތެއް މިހާރު ނާއިލްއަކަށް ނެތެވެ.

ބަރްޝާ ހުރީ އެއްވެސް ހާސްކަމެއް ނެތިއެވެ. ހިނިތުންވެގެންނެވެ. ކަމެއްވީހެންވެސް ހިއެއް ނުވެއެވެ.

"ކަލޭތީ ކާކު" ޔަހުޔާ އަހާލިއެވެ.

"ކަލެއަށް އަހަރެން މިއީ ކާކު ކަމެއް ނޭނގޭތަ؟" ބަރްޝާ ހިނިގަނޑަކާއި އެކުގައި ބަރު އަޑަކުން ވާހަކަ ދެއްކިއެވެ.

"އަހަރެން ކުރާ ސުވާލަކަށް ޖަވާބުދޭނީ ކަލޭ. މިތަނަށް ހާޒިރުކުރެވިފައި ތިހުރީ ކަލޭ." ޔަހުޔާ އަޑު ބާރުކޮށް ބުނެލިއެވެ.

"އެހެން ނޫނީ ކިހިނެއް ހަދާނީ؟" ބަރްޝާ ޖެހިލުންވާހެނެއް ހިއެއް ނުވެއެވެ.

"އެހެން ނޫނީ އަހަރެން ކަލޭ އަންދާލާނީ" ޔަހުޔާވެސް ދޫކުރާކަށް ބޭނުމެއް ނުވެއެވެ.

"ކަލެއަށް އެންމެ ފަސޭހައިން އަހަރެން އެނގޭނީ އަހަންނަކީ ކިނބިވަލު ކަމަނަގެ ދަރިފުޅޭ ބުނީމަ." ބަރްޝާގެ ދެލޯ ހުރީ ގަދަ ރަތްކުލައިގައެވެ. އޭނާ ގާތަށް ވަނީ އިންތިހާއަށް ރުޅިއައިސްފައެވެ.

"ކޮންމެ މީހަކަސް ނާއިލްއާއި ޒީނާގެ ފަހަތުން ތިއުޅެނީ ކީއްވެގެން؟" ޔަހުޔާއަށް އެސުވާލު ނުކޮށް އިނދެވޭ ވަރެއް ނުވިއެވެ.

"ނާއިލްގެ ކާފަ އެ އުސްމާނު ނަމަކަށް ކިޔުނު މީހާ އަހަރެންގެ މަންމަގެ ބަނޑުގައި އޮތް ދަރިފުޅު މަރާލީ، އެވަރު ނުފުދިގެން މަންމަވެސް މަރާލީ. އެނުލަފާ މީހާގަނޑަށް ނޭނގުނު އޭރު މަންމަގެ ދެ ދަރިން ތިބޭކަން.އެއީ އަހަރެންނާއި އަހަރެން ދައްތަ.މަންމަގެ މަރުގެ ބަދަލު ހިފަން އަހަރެންގެ ދައްތަ  ނުކުރަނީ ކޮން ކަމެއް؟ އުސްމާނުވެސް މަރާލި. އެކަމަކު ނަސީބު ދެރަކަމުން ތަސްލީމު މަރައެއް ނުލެވުނު. އެ ފަންޑިތައިގެ ސަބަބުން އޭނަ މަރާލެވޭ ގޮތް ނުވީ. ނާއިލްގެ ބައްޕަ ތަސްލީމަށް ލިބުނު ހުރިހާ ދަރިން މަރާ ހުސްކުރަމުން ދައްތަ ދިޔަ. އެކަމަކު އެންމެ ހީނުކުރާ ވަގުތުގައި އަހަރެންގެ ދައްތައަށް ލޯބިވެވުނީ އެ ތަސްލީމުދެކެ. އެންމެ ފަހުން ނާއިލް ދޫކޮށްލީ އެލޯތްބަށްޓަކައި. އަހަރެންގެ ދައްތަ ބޭނުންވީ ހަމައެކަނި އެ ތަސްލީމު ފެންނަ ފަށުގައި ހުންނަން. އަހަރެންގެ ދައްތަގެ ހަގީގަތް ނޭނގޭއިރު އޭނައަށް އަހަރެންގެ ދައްތަ ވަރަށް ކަމުދިޔަ. އެކަމަކު ދައްތަގެ ހަގީގަތް އެނގުނީމަ އެވީ ދުވަސް ދުއްވާލަން." ބަރްޝާގެ އަޑު ބާރެވެ.

"ތަސްލީމުގެ ހަށިރައްކަލަށް ހެދި ފަންޑިތަ ކޮބާ؟" ޔަހުޔާ ސުވާލުކުރިއެވެ.

"ކަލޭމެން އިންސާނުންނަކީ ލޯބީގައި ޖެހުނީމަ މޮޔަވާ ބައެއް. މާ ދުރުދުރުން އަހަރެންގެ ދައްތަ ދެތިން ދުވަހަކު ފެނިލިއިރަށް މުގޯލިއަޅަންވެގެން އޭނަ އެ ހުރިހާ އެއްޗެއް ނަގާ އެއްލާލީ. އަހަރެންގެ ދައްތަގެ ހަގީގަތް އެނގުނު ދުވަހު އޭނަ މަސައްކަތް ފެށީ އަހަރެންގެ ދައްތަ މަރާލަން. އުސްމާނެކޭ އެއްފަދައިން އެކަން ކާމިޔާބުކޮށް ތަސްލީމުވެސް ހުރީ ވަރަށް އުފަލުން. އަދި އެކަމުގެ އުފަލުގައި ރަށުން ފައިބައިގެންދިޔައީ ނާއިލްވެސް ގޮވައިގެން. އަހަންނަށް އެދުވަހު ތަސްލީމަށް ކުރެވުނު ވަރެއް އެހެރީ ކޮށްފައި. ނާއިލްގެ އާއިލާގެ ސަބަބުން އަހަރެންގެ އާއިލާ ނެތިގެން ދިޔައީ. އަހަރެން ކީއްކުރަން ނާއިލްއަށް އުފާވެރި ދިރިއުޅުމެއް ލިބުނަ ދޭންވީ؟" އެހެން ބުނަމުން ބަރްޝާ ބަލާލީ ކުޑަދޮރު ކައިރީ ވަގުވަގުން އެތެރެ ބަލަން ހުރި ނާއިލްއަށެވެ. ހިނިތުންވެ ހުރެގެންނެވެ. އެއްމިޔަކަނުންނެވެ. ނާއިލް އެތާގަނގައި ހުރިކަން އެނގޭކަން އަންގާލި ފަދައިންނެވެ.

ނާއިލްއަށް ސިއްސައިގެން ގޮސްފައި ދުއްވައިގަނެވުނެވެ. އަވަހަށް ޒީނާ ގެއިން ނެރިގެން ޔަހުޔާމެންގެ ގެއަށް ގެންދިޔުއަށެވެ.

"އެހެން ވިއްޔާ ބުނެބަލަ. ކަލޭ ނާއިލްދެކެ ލޯތްބެއް ނުވޭތަ؟" ޔަހުޔާ އަހާލިއެވެ.

"ކަލެއަށް ކީއް؟ އަހަރެން އޭނަ ދެކެ ލޯބިވިޔަސް ނުވިޔަސް ކަލެއަށް ކީއްތަ؟ ކަލެއަށް ކޮން ބާރެއްތަ ތިކުރަނީ؟ އެހެން ނޫނަސް ބުނަންތަ؟ އަހަންނަކީ ކަލޭމެން ގޮތަށް ނަފްސަށް ބާރެއް ފޯރުވަން ނޭނގޭ މޮޔައެއް ނޫނޭ. ލޯބިވިޔަސް ނުވިޔަސް ނާއިލްއަށް ޖެހޭނީ އޭނަގެ މައިންބަފައިން ކުރި ކުށުގެ އަދަބު ލިބިގަންނަން." ބަރްޝާ ހެމުން ވާހަކަ ދެއްކިއެވެ.

"ކުށެއް ކުރީ އެމީހުން އެކަނިތަ؟ ކަލޭގެ މަންމައާއި ކަލޭގެ ދައްތަ ކަންތައް ކުރިގޮތޯ؟ ކަލޭގެ މަންމަ އުސްމާނުގެ ހަ ދަރިން މެރިގޮތޯ؟ ކަލޭގެ ދައްތަ ބަދަލު ހޯދަން ތަސްލީމުގެ ހަ ދަރިން މެރި ގޮތޯ؟ ތިން ފުރާނައިގެ ބަދަލުގައި ކިތަށް ފުރާނަ ކަލޭމެން ދުއްވާލައިފިން؟ ކޮބާ އިންސާފަކީ؟ ނާއިލްއާއި ޒީނާގެ ކޮން ކުށެއް މިކަމުގައި އޮތީ؟" ޔަހުޔާ ރުޅިއަންނަ ގޮތްވިއެވެ.

ނުނިމޭ

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މީހެއް

    Varah salhi,konme dhuvahakuves update kuraathi,miashu haadha kurey genes sheets in part..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ