"ކުށެއް ކުރީ އެމީހުން އެކަނިތަ؟ ކަލޭގެ މަންމައާއި ކަލޭގެ ދައްތަ ކަންތައް ކުރިގޮތޯ؟ ކަލޭގެ މަންމަ އުސްމާނުގެ ހަ ދަރިން މެރިގޮތޯ؟ ކަލޭގެ ދައްތަ ބަދަލު ހޯދަން ތަސްލީމުގެ ހަ ދަރިން މެރި ގޮތޯ؟ ތިން ފުރާނައިގެ ބަދަލުގައި ކިތަށް ފުރާނަ ކަލޭމެން ދުއްވާލައިފިން؟ ކޮބާ އިންސާފަކީ؟ ނާއިލްއާއި ޒީނާގެ ކޮން ކުށެއް މިކަމުގައި އޮތީ؟" ޔަހުޔާ ރުޅިއަންނަ ގޮތްވިއެވެ.
"އަހަންނަށް ފިލާވަޅު ނަގާދޭން ހަދާނެ ކަމެއް ނެތް. އެހެން ނޫނަސް ކަލޭތިއީ ތިކަހަލަ ވާހަކަ ދައްކަން މާ ރަނގަޅު މީހެއްތަ؟ ކަލޭގެ އަންހެނުންނަށް އެނގޭތަ ކަލޭމެންނަށް ކުދިން ނުލިބެނީ ކީއްވެގެން ކަން؟ އޭނައަށް އެނގޭތަށް އޭނައަށް ކުދިން ނުލިބެނީ ކަލޭގެ ސަބަބުންކަން. ކަލޭ ތިކުރާ މަސައްކަތުގެ ސަބަބުންކަން؟ ޕިސް ޕިސް. މާ ރަނގަޅު މީހަކަށް ހެދިގެން އުޅޭ އިރު އަހަންނަށް އެނގެއޭ ކަލޭވެސް އުޅެފައި ހުރި ގޮތް. ކަލޭވެސް ދަތްހުރި ދުވަހު ކާށި ކޭމެންނު؟" ބަރްޝާ ބަހުގެ ހޫނުހަމަލާތަކެއް ޔަހުޔާއަށް ފޮނުވާލިއެވެ.
ކޮޓަރިތެރެއަށް އާދަޔާ ހިލާފަށް ގަދަ ވައިރޯޅިއެއް ޖެހުނެއެވެ. އެއާއި އެކުގައި ޔަހުޔާއިން ކޮޓަރީގެ ދޮރުހުޅުވުނެވެ. އެއަށް ފަހުގައި އިވިގެން ދިޔައީ ބަރްޝާގެ ހިނުމުގެ އަޑެވެ. މުޅިތަން ގުގުމާލީ އެއަޑުންނެވެ. އެ ވަގުތުވީ ނާއިލް ގޭގެ ދޮރު ހުޅުވާލުމަށްފަހުގައި އެތެރެއަށް ވަތް ވަގުތަށެވެ. އެ އަޑު އިވުނު ވަގުތުގައި ކުޑަކޮށް ޖެހިލުންވީ ނަމަވެސް ލޯ ކުރިމަތީގައި ވެއްޓިފައި އޮތް ޒީނާ ފެނުމުން މަޑުކުރާކަށް ނުކެރުނެވެ. ހިތަށް ކުރުވީ ފުންއަސަރުތަކެކެވެ. ލޯބިވާ އަނބިމީހާގެ ހާލަތު ފެނުމުންނެވެ. ލޮލުން އޮހޮރެން ފެށީ ކަރުނައެވެ.
"ޒީ. ޒީ.. އަހަރެން މިއައީއޭ. އަވަހަށް ހިނގާދާން" ބިންމަތީގައި ހަބަރު ހުސްވެފައި އޮތް ޒީނާގެ ގައިގާ އޮޅުލައިގަންނަމުން ނާއިލް ގޮވަން ފެށިއެވެ. ޒީނާއަށް ދެތިން ފަހަރަކު ގޮވާލުމަށްފަހު އަތްދަނޑި މައްޗަށް ޒީނާ ލައިގެން ނާއިލް ދުއްވައި ގަތީ ގެއިން ބޭރަށް ނުކުތުމަށެވެ. އަވަހަށް ޔަހުޔާމެންގެއަށް އޭނާ ގެންދިޔުމަށްޓަކައެވެ.
ފަހަކަށް އައިސް ޒީނާގެ ބަރުދަން އިންތިހާއަށް ލުއިވެފައިވީ ނަމަވެސް ހޭނެތިފައި އޮތް ޒީނާ އަތްދަނޑި މައްޗަށް ލައިގެން ދާންޖެހުމުން ނާއިލްވެސް ވަރުބަލިވާ ގޮތްވިއެވެ. ނަމަވެސް އެވަގުތު މަގެއްގެ މަތިންވެސް ދުއްވާ އެއްޗެއް ނުލިބޭނެކަން ނާއިލްއަށް އެނގެއެވެ.
ޔަހުޔާ މަސައްކަތް ކުރަމުން ދިޔައީ ބަރްޝާގެ ބާރު ކުޑަކުރުމަށެވެ. ނަމަވެސް އެކަން އެހެން ވާގޮތެއް ނުވެއެވެ. ކިޔަވާ ކޮންމެ ކިޔެވެއްޔަކުންވެސް ޔަހުޔާއަށް ކުރިމަތިވަމުން ދިޔައީ ނާކާމިޔާބާއެވެ.
"ކަލޭ ހީކުރަނީ އަދި ތިހެން އަހަރެންގެ ދުވަސް ދުއްވާލެވޭނެ ކަމަށްތަ؟ އެހެނެއް ނުވާނެ. ތި ހީކުރަނީ މުޅިން ނުބައިކޮށް. ކަލެއަށް މިތަނުގައި އިރުކޮޅަކު އަހަރެން ހިފެހެއްޓިދާނެ. އެކަމަކު އަހަރެން އަންދައެއްވެސް ނުލެވޭނެ. އަދި މަރައެއްވެސް ނުލެވޭނެ." ބަރްޝާ ބުނެލިއެވެ.
ތެދެކެވެ. ޔަހުޔާއަށް މިހާރު އެކަން އެނގެން ފަށައިފިއެވެ.
"ކަލޭ ހަމަ ނާއިލްދެކެ ލޯތްބެއް ނުވޭތަ؟" އަނެއްކާވެސް ޔަހުޔާ އަހާލިއެވެ.
"އަޖައިބެއް. ކަލޭ އަހަރެން ދެކެ ލޯބިވަނީތަ އަނެއްކާ؟ މާވަރަކަށް ތިޔަ ސުވާލު ތި ކުރަނީ އަހަންނާ" ބަރްޝާ ރުޅިއައެވެ.
"އަހަރެން މިހެން މި އަހަނީ އަހަންނަށް ކަލޭ ނާއިލްއަށް ބަލާގޮތް ފެންނާތީ." ޔަހުޔާ މިހެން ބުނެލުމާއި އެކުގައި ބަރްޝާގެ އަޑު ކެނޑުނެވެ. އިރުކޮޅަކަށް އިސްޖަހާލައިގެން ބަރްޝާއިނެވެ. އެއީ ތެދެއްކަން އަމިއްލައަށްވެސް ގަބޫލު ކުރެވޭ ހާލުގައެވެ.
ނާއިލް ޒީނާ ގެންގޮސް ބާއްވާލީ އެގޭގެ އެންމެ ބޮޑު ކޮޓަރީގައެވެ. އަދި ގޭގައި ތިބި އެންމެން އެ ކޮޓަރިއަށް އެއްކުރިއެވެ. ތަސްލީމްވެސް އެ ކޮޓަރިއަށް ގެނެވުނެވެ. އަދި ވެގެން އުޅޭ ގޮތް އެންމެންނަށް ކިޔާދިނެވެ. ނިދިފައި ތިބި ދެކުދިން ގައިގާ ފިރުމާލުމަށްފަހު އެނދުގައި އޮތް ޒީނާގެ ނިއްކުރިއަށް ބޮސް ދިނުމަށް ފަހުގައި ނާއިލް ހިނގައި ގަންނަން އުޅުނީ ޔަހުޔާ ގާތަށް އެނބުރި ދިޔުމަށެވެ. ނަމަވެސް ހުއްޓުން އެރިއެވެ.
"ނާ.. އި.. ލް" ނާއިލްއަށް ފަސް އެނބުރި ބަލާލެވުނެވެ. ގައިގާ ހުރިއްޔާ ހުރިހާ ބާރެއް ލަމުން ތަސްލީމް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
"ބައްޕާ" ނާއިލްއަށް ގޮސް ތަސްލީމްގެ ގައިގާ ބައްދާލެވުނެވެ. ނާއިލްއަށް މި ފަހަރު އުފަލުން ގޮސް ރޮވުނެވެ.
ތަސްލީމް މަސައްކަތް ކުރަމުން ދިޔައީ ކޮންމެވެސް ވާހަކައެއް ނާއިލް ގާތުގައި ބުނުމަށެވެ. ނަމަވެސް އެކަން އޭނާއަށް ވީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް އެތަށް އިރަކު އުޅެގެން ތަސްލީމް ބުނި އެއްޗެއް ނާއިލްއަށް އެނގުނެވެ.
ކިނބިވަލުގެ އެންމެ ބޮޑު ކިނބިގަސް ކައިރީގައި ވަޅުލާފައި އިން ފޮށި އަންދާލުމަށެވެ. ނާއިލްއަށް އެކަން ކުރަން އުނދަގޫވާނެކަންވެސް އެނގެއެވެ. ނަމަވެސް އެކަން ކުރަން މަސައްކަތް ކުރަން ބޭނުންވިއެވެ. ޖީބުގައި އޮތް ފަންޑިތަ ގަނޑުކޮޅު ނަގާ ތަސްލީމްއަތަށް ދިނުމަށް ފަހުގައި ދެފަޔަށް ބާރުލަމުން ދުއްވައިގަތީ ބައްތިއެއް ހިފައިގެން ކިނބިވަލަށް ދިޔުމަށެވެ.
މާނޭވާ ލެވޭ ހާލުގައި ގޮސް ނާއިލް ހުއްޓުނީ ކިނބި ވަލުގައި ހުރި އެންމެ ބޮޑު ކިނބިގަސް ދޮށުގައެވެ. އަދި ތަސްލީމު ބުނި ފޮއްޓެއް ފެނޭތޯ ގަސް ވަށައިގެން ކޮންނަން ފެށިއެވެ. ނަމަވެސް އެއްވެސް ތަނަކުން އެ ބުނާ ފޮއްޓެއް ފެންނަވަރެއް ނުވިއެވެ. ހިތްވަރު އެލުވާލާ އެއީ ނުފެންނާނެ އެއްޗެއް ކަމަށް ނިންމިއެވެ. އަދި ވަރުބަލި ފިލުވާލަން އިށީނެވެ. ބަލާލެވުނީ ކޮނެފައި ހުރި ތަނަކުން ހަރު އެއްޗެއްގައި އަތް ޖެހުމުންނެވެ. ބައްތިން އެތަނަށް އަލިކޮށްލާ ނާއިލް ބަލާލިއެވެ. އެއީ ލަކުޑި އެއްޗެކެވެ. އަނގައިން ބައްތީގައި ހިފަހައްޓާލައި ދެއަތުން އެތަން ކޮންނަން ފެށިއެވެ. ނާއިލްއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެއީ ކުޑަ ފޮއްޓެއްކަން ޔަގީންވުމުންނެވެ.
ވަލުތެރެހޯދައިގެން ފެނުނީ ގާބުރިއެކެވެ. އޭގެން ތަޅުގައި ޖަހައި ތަޅުހަލާކުކޮށް ފޮށި ހުޅުވާލިއެވެ.
ފޮށީގެ ތެރޭގައި އޮތީ ގޭގައި ހުރި ފޮށިން ފެނުނުފަދަ ކިނބިމާތަކެވެ. ހިކިފައިވާ ކިނބިމާތަކެކެވެ. އެއާއި އެކުގައި ދެން އޮތީ އަނެއްކާވެސް އެހެން ލިޔުމެކެވެ. ނާއިލްއަށް ކިޔަންނޭނގޭ ބަހުރުވައިގެ ލިޔުމެކެވެ. އެހެން ކަމުން އެއީ ކޮންމެވެސް ކަހަލަ ފަންޑިތައެއްކަން ނާއިލްއަށް ޔަގީންވިއެވެ.
ކޮޓަރިތެރޭގައި އިން ބަރްޝާއަށް އުނދަގުލެއް ވާންފެށީ ނާއިލް އެ ފޮށި ހުޅުވުމުންނެވެ. ބަރްޝާ ހާސްވާން ފެށިއެވެ.
"މިހާރު ލައްކައިރު އަހަރެން ހިފެހެއްޓިއްޖެއެއްނު. ދެން އަހަރެން ދޫކޮށްލާ" ބަރްޝާ ބަރު އަޑަކުން ޔަހުޔާއަށް އަމުރު ކޮށްލިއެވެ. އެއްކަމެއް ނުވިޔަސް ބަރްޝާ ދޫކޮށްލާކަށް ޔަހުޔާ ބޭނުމެއް ނުވެއެވެ.
"އަހަރެން ދޫކޮށްލާށޭ" މިފަހަރު މިހެން ބުނުމާއި އެކު އަތުން އިޝާރާތެއް ބަރްޝާ ކޮށްލިއެވެ. އެއާއި އެއްކޮށް ޔަހުޔާގެ ފުރަގަހުގައި ހުރި އަލަމާރި މަތިން ބޮޑު ފޮތެއް ވެއްޓި ޖެހުނީ ޔަހުޔާގެ ބޮލުގައެވެ. ހޭ ހުސްވެގެން ބިންމައްޗަށް ޔަހުޔާ ވެއްޓޭކަށް މާ ގިނަ ވަގުތުތަކެއް ނުއެއް ނަގައެވެ.
ކިނބި ވަލުގައި ހުރި ނާއިލް މަސައްކަތް ކުރަމުން ދިޔައީ އެ ފޮށި ރޯކޮށްލާށެވެ. ނަމަވެސް ވަލުގައި ވައިގަދަކަމުން އެކަން ކުރުމަށް އޭނާއަށް އުނދަގޫވަމުން ދިޔައެވެ.
"ނާއިލް" ފޮށީގައި އަލިފާން ރޯކުރަން އުޅުނު ނާއިލް ސިއްސައިގެން ދިޔައީ ނުހަނު ގާތުން ބަރްޝާގެ އަޑު އިވުމުންނެވެ.
"އަހަންނާއި ގާތަށް ނާންނާތި." ނާއިލް ބިރުން ފަހަތަށް ޖެހެން ފެށިއެވެ.
"ނާއިލް އަހަރެން ދެކެ ބިރު ނުގަނެބަލަ. އަހަރެން ނާއިލްއަށް ގޯނާއެއް ނުކުރާނަމޭ" ބަރްޝާގް އަޑުގައިވީ ހިތްދަތިކަމެވެ.
"ގޯނާއެއް ނުކުރާނަމޭ؟ ދެން ކޮބާ ގޯނާއެއް ކުރާނެ ޖާގައެއް؟ އަހަރެންނަށް ކީއްކުރެވުނީމައި އަހަރެންގެ ދިރިއުޅުމަށް ތިޔަހެން ތިހެދީ؟" ނާއިލް އަދިވެސް ފިޔަވަޅު ނަގަމުން ދިޔައީ ފަހަތަށެވެ.
"ނާއިލްގެ ކުށެއް ނެތޭ. ހުރިހާވެސް ކުށެއް ކުރީ ނާއިލްގެ ބައްޕައާއި ނާއިލްގެ ކާފަ. އެކަމަކު އެމީހުންނާއި ހުރެ އަހަރެންގެ އާއިލާއެއް ނެތުން އެއީ އެމީހުންގެ ކުށެއްނު؟ އެކަމުގެ އަދަބު އެމީހުންނަށް ލިބެންޖެހޭނެއެއްނު؟" ބަރްޝާ ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.
"އެކަމުގެ އަދަބު އެމީހުންނަށް ދިނީމެއްނޫންތަ؟ އެކަމުގެ އަދަބު އަހަރެންގެ މައުސޫމް ދެކުދިންނަށާއި އަނބިމީހާއަށް ލިބެންވީ ކީއްވެގެން؟ އެއީ ކޮން ކަހަލަ އިންސާފެއް؟ ތިކަހަލަ އިންސާފެއްގެ ވާހަކަ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން." ނާއިލްގެ އަޑު ދިޔައީ ބާރުވަމުންނެވެ. އެކަމުގެ ސަބަބުން ބަރްޝާގެ ހިތުގައި ކޮންމެވެސް ވަރަކަށް ޖެހުނެވެ.
"ނާއިލް އަހަންނާއި ތިހާ ބާރަށް ވާހަކަ ނުދައްކަފާނަންތަ؟ އަހަރެން ދެރަވެއޭ ތިހެން ނާއިލް ކަންތައް ކުރީމަ." ބަރްޝާ ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ.
"ދެރަވެއޭ؟ ދެރައަކީ ކޮން އެއްޗެއްކަން އެނގޭތަ ތިހެން ބުނާއިރުގައި. ވިސްނާލަބަލަ އަހަރެންގެ އަންހެނުން އުޅުނު ހާލު ފެނުނީމަ އަހަރެން ވާނެ ދެރަ. އަހަރެން މިހެން އަދި އެއްޗެކޭ ބުނެގެން ބަރްޝާ ދެރަވަންޏާ އަހަންނަށް މައާފް ކުރޭ. އެކަމަކު މިއަދު އަހަންނަށް ބަރްޝާ އަންދާލުން ނޫން އެހެން އެއްވެސް ގޮތެއް ނެތް" ލައިޓަރު ނަގާ ރޯކޮށްލަމުން ނާއިލް ބުންޏެވެ.
"ނޫން ނާއިލް ތިހެން ނުހަދާ. އެހެން ނޫނީ ނާއިލްއެކޭ އެމީހުންނެކޭވެސް ކޮބާ ތަފާތަކީ؟ ނާއިލްއަށް ނޭނގިނަމަވެސް ނާއިލްއަށްވާނީ އަހަރެންގެ ކިބައިން އުފާ ހޯދިފައި. އަދި އަހަންނަށް އެނގޭ ނާއިލްގެ ހިތުގައިވެސް އަހަންނަށް ކޮންމެވެސް މަގާމެއް ވާކަން." ބަރްޝާ ރޯންފެށިއެވެ.
"އާން. އަހަރެންގެ ހިތުގައި ބަރްޝާއަށް އޮތީ ހަމްދަރުދީ. ބައެއް ފަހަރު އަހަންނަށް ހީވި އަހަރެންގެ ހިތުގައި ބަރްޝާއަށް ހާއްސަ މަގާމެއް އޮތް ހެންވެސް. އެކަމަކު އެއީ ފެނުނު ހުވަފެނެއް، އަހަރެންގެ ހިތުގައި މިހާރު ބަރްޝާއަށް އޮތީ ހަމައެކަނި ނަފްރަތު. އަދި މިރޭ މިތަނުގައި އަނދައިގެން ދިޔުން ނޫންގޮތެއް ކަލެއަށް ނެތް" ނާއިލްގާތަށް ރުޅިއަންނަން ފެށިއެވެ.
"ނޫން ނާއިލް. ތިހެން ނުހަދާ. އަހަރެން ދުވަހަކުވެސް ނާއިލްއަށް އުނދަގޫނުކޮށް އުޅެފާނަން. ދުވަހަކުވެސް ނާއިލް ފެންނަ ފަށަށްވެސް ނައިސް އުޅެދާނަން. އަހަރެން އަންދާ ނުލާ އަހަރެން ދޫކޮށްލާ. އަހަރެންގެ ބަނޑުގައި މިވާ ނާއިލްގެ ދަރިފުޅަށްޓަކައިވެސް އަހަރެން ދޫކޮށްލާ. އާދޭސްކޮށްފައި ބުނަން" ބަރްޝާގެ ނިމުން ކުރިމަތީގައި ވީ ހިނދު އޭނާގެ ހިތުގެ ތެރޭގައި ބިރުވެރިކަން އުފެދުނެވެ.
"އަހަރެންގެ ދަރިއެކޭ" ނާއިލްއަށް ބުނެލެވުނެވެ.
"އާނ. މިއީ އަހަރުމެން ދެމީހުންގެ ދަރިއެއް. މި ދަރިފުޅަށްޓަކައި އަހަރެން ދޫކޮށްލާ. އާދޭސް ކޮށްފައި ބުނަން. އަހަރެން ބޭނުމެއް ނޫން ނާއިލްއަށް ގެއްލުމެއް ދޭކަށް. އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރަން ނާއިލްދެކެ ލޯބިވެވިދާނެ ކަމަށް. އެކަމަކު ނާއިލް އަނބުރާއައިސް މިރަށަށް އެރި ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް ދޫވި. އެކަމަކު އެއަށްވުރެ އަހަރެންގެ އަޒުމް ވަރުގަދަކޮށް ނާއިލްގެ ދިރިއުޅުން ހަލާކުކޮށްލަން ހިތުގައި ލިން. އެކަމަކު ނާއިލްއައި ގާތްވެވެމުން ދިޔަ ވަރަކަށް އަހަރެންގެ ބޭނުންތަށް ބަދަލުވެގެންދިޔަ. ޒީނާގެ ފުރާނަ ހޯދަން އަހަރެން ފަހުން އުޅުނީ ބަދަލު ހޯދުމަކަށް ނޫން. އެކަމަކު ނާއިލް ހޯދުމަށް" ބަރްޝާ އިސްޖަހާލިއެވެ.
"އަހަރެން ބޭނުމެއް ނޫން ހަންޑިއެއްގެ ދަރިއެއް. އަހަރެން ބޭނުމެއް ނޫން ކަލެއެއް." އެހެން ބުނެފައި ނާއިލް ލައިޓަރު ގާތް ކޮށްލީ ފޮއްޓާއެވެ.
"ނޫން ނާއިލް ނޫން. އަހަރެން ދޫކޮށްލާ. ދުވަހަކުވެސް އަހަރެންގެ އުނދަގުލެއް ދެނެއް ނުވާނެ. އަހަރެންގެ ދަރިފުޅު ގޮވައިގެން އުޅެން އަހަރެން ދޫކޮށްލާ" ބަރްޝާ އާދޭސް ކުރަން ފެށިއެވެ. ނާއިލްއަށްވެސް އެވަރަށް އާދޭސް ކުރުމުން ނޫނެކޭ ބުނާކަށް ނުކެރުނެވެ.
"އެންމެ ރަނގަޅު. އަހަންނާއި އަހަރެންގެ އާއިލާއަށް ނުފެންނާނެ ފަށަށް ދުރަށްދޭ. ދުވަހަކުވެސް އަހަރުމެންގެ ދިރިއުޅުމަށް އައިސްފިނަމަ އަހަންނަށް އެނގޭނެ ކަންތައް ކުރަންވީ ގޮތް." ނާއިލް ބުނެލިއެވެ.
ބަރްޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހުގައި ނާއިލްއާއި ދިމާއަށް ހިނގައިގަތެވެ. އަދި ނާއިލްގެ އަތްނަގައި އަމިއްލަ ބަނޑުގައި ޖައްސާލިއެވެ. އެވަގުތު ބަނޑު ތެރެއިން ކުޑަދަރިފުޅު ތޮޅިލި ކަމުގެ އިހުސާސް ނާއިލްއަށް ކުރެވުނެވެ. އަދި އަތް ދަމައިގަތެވެ. އެންމެ ފަހުގެ އަލްވަދާއު ކިޔުމަށްޓަކައި ނާއިލްގެ ތުންފަތަށް ލޯބިކޮށްލުމަށްފަހުގައި ބަރްޝާ ހިނގައިގަތީ ވަލުތެރެއަށެވެ. ނާއިލްއަށް ހުރެވުނީއެވެ. ބަރްޝާގޮސް ލޮލު ކޮޅަށް އޮބާލަންދެކަށް ބަލަހައްޓައިގެންނެވެ. ފޮށިއަތަށް ލައިގެންނެވެ. ބަރްޝާގެ މޫނުމަތީގައި ވީ ހިނިތުންވުކެވެ. ނާއިލް ހުރީ ފެންކަޅިވެފައެވެ. ނަމަވެސް އެއީ ނާއިލްގެ ހަޔާތުގެ އެ ސޮފްހާގެ ނިމުންކަން ނާއިލްއަށްވެސް އެނގެއެވެ.
ނިމުނީ