ގއ. ކަނޑުހުޅުދޫ ގައި 2 އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރުމުގެ މައްސަލާގައި ވާހަކަ ދައްކަވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަޙްމަދު ޝަހީމް ވިދާޅުވީ ކުއްޖާގެ ބައްޕައަކީ ކުރިންސުރެވެސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއްކަން ކައުންސިލަށް ޔަގީން ކުރެވޭ ކަމަށެވެ.
ރޭ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ ބައްދަލުވުމުގައި ފޯނު މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރޭޕް ކޭސްގެ މައުލޫމާތު ކައުންސިލަށް ލިބުނީ ޖެނުއަރީ 16 ވަނަ ދުވަހުގެ ހެނދުނު ކަމަށެވެ. ކައުންސިލަށް މައުލޫމާތު ލިބުމާއިއެކު އާއިލާގެ ބޭފުޅުންނާއި މަސްވަރާކުރުމަށްފަހު ރަށުގައި ގާއިމުކޮށްފައިވާ ޕޮލިސް ޑެސްކުގައި ތިއްބެވި ފުލުހުންނާއިއެކު މަސްވަރާ ކުރެއްވި ކަމަށެވެ.
ޝަހީމް ވިދާޅުވީ ކުއްޖާގެ ބައްޕަ އެކަހަލަ މައްސަލަތަކުގައި ހައްޔަރުކުރުމާއި މިކަހަލަ ކަންކަމުން ކުއްޖާގެ ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާކަން 100 ޕަސެންޓް ޔަގީން ކުރެވޭ ކަމަށެވެ. އެހެންނަމަވެސް އެ ކުއްޖާގެ މަންމަ އަކީވެސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއްކަން މި އިނގުނީ މި ހާދިސާއާއި ގުޅިގެން ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ކައުންސިލަށް 15 ޖެނުއަރީގެ ކުރިން ކުއްޖާގެ އެއްވެސް ކަމަކާއި ގުޅޭ އެއްވެސް މައްސަލައެއް ހުށައަޅާފައި ނުވާކަމަށްވެސް ކައުންސިލްގެ ރައީސް ޝަހީމް ވިދާޅުވިއެވެ.
ކުއްޖާގެ މުނިކާފަ އަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ފަރާތެއްކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވޭ ކަމަށާއި އެހެންނަމަވެސް ރަސްމީކޮށް އެއްވެސް ފަރާތަކުން މައްސަލައެއް ހުށައަޅާފައި ނުވާ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މި ތުއްތު ކުއްޖާ ރޭޕްކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ކުއްޖާގެ ބައްޕައާއި، އުމުރުން 62 އަހަރުގެ ބައްޕަ ފަރާތު ކާފައާއި އުމުރުން 82 އަހަރުގެ މުނިކާފަ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.



