ޖިންސީ ފުރައްސާރަ އަކީ މިއަދު މި ދިވެހި ރާއްޖޭގައި އާންމު ކަމެކޭބުނުމުން އެކަމާއި ދެކޮޅުވާނެ މީހާކު ނުހުންނާނެއޭވެސް ބުނެވިދާނެއެވެ. މިއީ ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަށް މުލާފައިވާ ކަމަކެވެ.
ޒުވާން އަންހެން ކުދިންނާއި މީހުންގެ އަނބިންނަށް މަގުމަތީގައި ފޮށޭ މީހުން މަދުނޫންކަން މީސް މީޑިއާގައި މީހުންކުރާ ޕޯސްޓުތަކުން އިނގެއެވެ. ސުވާލަކީ އެފަދަކަމެއް ރިޕޯޓު ކުރުމުން ނުވަތަ މީސް މީޑިއާގައި ޕޯސްޓުކުރުމުން އެކަން އެހާ ސީރިއަސްކޮށް ނަގާ ހެއްޔެވެ؟ މިސުވާލަށް އަމިއްލަ އަށް ޖަވާބު ދޭށެވެ.
މިފަހުން ގއ ކަނޑުހުޅުދޫގައި 2 އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ހައްޔަރުކޮށްފައި އެވެނީ އޭނާގެ މުނިކާފަ އާއި އޭނާގެ ކާފަ އެކެވެ. ކުއްޖާއާއި މެދު އިހުމާލުވުމުގެ މައްސަލާގައި ކުއްޖާގެ ބައްޕަވެސް ހައްޔަރު ކޮށްފިއެވެ. ކުއްޖާގެ މުނިކާފަ އަކީވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ ރިކޯޑު އޮންނަ މީހެއްކަން ކަނޑުހުޅުދޫ ކައުންސިލަށް ވެސް އިނގޭކަމަށް އެފަރާތުން ވަނީ ބުނެފައެވެ. މިހާހިސާބުން އެމީހާއާއި ކުޑަ ކުއްޖަކު ކައިރިކުރަން ފުރަޞަތު ދޭން ޖެހޭ ސަބަބަކީ ކޮބާ ހެއްޔެވެ؟ އެވަރުގެ މީހަކަށް އެފުރުޞަތު ލިބުނީ އަޅާނުލައި ދޫކޮށްލާފައި ހުރުމުގެ ސަބަބުންކަން ޔަޤީނެވެ.
ކުރިން މުނިކާފަގެ މައްޗަށް ކުޑަކުދިންނާއި ޖިންސީ ފުރައްސާރަ ކުރުމުން އޭނާ ދޫކޮށްލާފައި ބެހެއްޓީ މުސްކުޅިކަމުން އުމުރަށް ބަލާފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ދޫކޮށްލާފައި ބެހެއްޓުމުން އެތުއްތު ކުއްޖާއަށް ލިބުނު އަނިޔާގެ ޒިންމާ ނަގަން ޖެހޭނެ ފަރާތެއް ހުންނާނެއެވެ. މުސްކުޅި ކަމުން އުމުރަށް ބެލިއިރު އެކުޑަކުއްޖާގެ އުމުރަށް މުނިކާފަ ބެލި ހެއްޔެވެ؟
ކުއްޖާގެ ކާފައަކީ މުދިމެކެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އޭނާ މިހާރު ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ. މީގެ އަހަރެއް ކުރިން 5 އަހަރުގެ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް އެނާ އަށް ތުހުމަތު ކުރުމުން މިނިސްޓްރީން އޭރު އެއްވެސް ފިޔަވަޅެއް އަޅާފައިނުވަނީ ކީއްވެތޯ ރައްޔިތުން ސުވާލު ކުރެއެވެ.
މާލޭ މަގުމަތީ މީހުންނަށް ޖިންސީ ފުރައްސާރަކުރާ މީހުންގެ ވީޑިއޯ ޓްވިޓާ އާއި ފޭސްބުކުގައި އެބަހުއްޓެވެ. މިއިން މީހަކު އެހެން މީހަކަށް ނުވަތަ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރަންދެން އެގޮތަށް ދޫކޮށްލާފައި ބެހެއްޓިމަކީ އެންމެ ރަނގަޅު ގޮތްހެއްޔެވެ؟ އެމީހުން ހައްޔަރުކުރެވޭނީ ނުވަތަ އެމީހުންގެ މައްސަލަ މިހާ ހިސާބުން ނުބަލާ ދޫކޮށްލުމުން މިކަހަކަ ކަމެއް ތަކުރާރުވުމަށް އެދެވެނީ ފުރުޞަތެކެވެ. މިއީ ސީރިއަސް މައްސަލަތަކެވެ.



