ތ.ތިމަރަފުށީގައި ހިނގާފައި ދަނިކޮށް ވޭނަކުން ޖެހި އެކްސިޑެންޓުވެ ބޮޑެތި އަނިޔާތަކެއްލިބުނު އުމުރުން 52 އަހަރުގެ ޒުލޭހާ އަބްދުލްޣަނީގެ ހާލު ސީރިއަސް ކަމަށާއި އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާ އިން ބުނެފިއެވެ.
ޒުލޭޚާއަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އިއްޔެ މެންދުރު ވަނީ މާލެ ގެނެސް އޭޑީކޭގައި ފަރުވާދޭން ފަށާފައެވެ.
މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ އުމުރުން 52 އަހަރުގެ ޒުލޭޚާބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑި އަށް ވަނީ ލޭ އެޅިފައިވާއިރު، މޭ ކަށިގަނޑުގެ ދެ ފަރާތުން ތިން ކައްޓެއް ބިނދި އަދި ދެ ދަތް ވެސް ބިނދިފައިވާއިރު، ނޭވާލަމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް އާއިލާ އިން ބުނެއެވެ.
ލުހޭޚާ އެކްސިޑެންޓުވީ، ތިމަރަފުށީ އެއާޕޯޓަށް ދާ މަގުގެ އެއްފަރާތުން ޒުލޭހާ ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެގެން ގޮސް އޭނާގެ ގައިގަ ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި އިތުރު މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަޙްޤީގު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.



