މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، މަހިބަދުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މާލެއިން ފުރައިގެން މަހިބަދުއަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާ ތަކެތި ގެންނަކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
"މި ހިނގާ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހުގެރޭ 23:45 އެހައިކަންހާއިރު ހިންގި މި އޮޕަރޭޝަނުގައި، މަހިބަދޫ ބަނދަރު ސަރަހައްދުން އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓު ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



