ބ.ކަމަދޫ - ފޮޓޯ: މީސްމީޑިއާ

ބޮޑެތި އަދަދުތަކުން ބިލްކޮށް ފެނަކަ މުވައްޒަފަކު ހިންގި ބޮޑު ޖަރީމާއެއް ފަޅާއަރައިފި

ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބ. ކަމަދޫ ބްރާންޗުގެ މުވައްޒަފަކު ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައެއް ފަޅާއަރައިފިއެވެ.

އިތުބާރުހުރި މަސްދަތުތަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްވެފައިވަނީ ކަމަދޫ ބްރާންޗުގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެކެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި އެ މުވައްޒަފު ލައްކައަކަށްވުރެ ގިނަ ފައިސާއަށް ޚިޔާނާތް ވެފައިވަނީ ފެނަކަ ކަމަދޫ ބްރާންޗުން ކަސްޓަމަރުންނަށް އަސްލު ކަރަންޓް ބިލަށް އަރާ އަދަދަށްވުރެ ބޮޑެތި ބިލްތަކެއް ފޮނުވައިގެންނެވެ. އިތުރަށް ހޯދާ ފައިސާ ފެނަކައަށް ނޭނގި އެ މުވައްޒަފު އަމިއްލަ ބޭނުމަށް ނަގާފައިވާކަމަށް މަޢުލޫމާތު ހުރި ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލަ ފަޅާއަރާފައިވަނީ ޚިޔާނާތް ވަމުންދިޔަ މުވައްޒަފު ޗުއްޓީއަށް ދިޔަ ދުވަސްތަކުގެ ތެރޭގައި ކަމަށާއި، އެކަމާއި ގުޅިގެން އެ މުވައްޒަފު ސަސްޕެންޑްކޮށްފައިވާކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި މައްސަލަ ފެނަކަ ކޯޕަރޭޝަނުގެ ލީގަލް ޓީމުންވެސް ތަޙްޤީޤު ކުރިކަން މިނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައިގައި ކޮމެންޓެއް ކުރެވެން މިވަގުތު ނެތް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން އަސްލު އަދަދުތަކަށްވުރެ ބޮޑެތި އަދަދުތައް ޖަހާ ބިލް ކުރަމުން ގޮސްފައިވާކަން ފަޅާއަރާފައިވާއިރު، އެރަށުގެ ރައްޔިތުން ބިލް ބޮޑުވުމުގެ ޝަކުވާ ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ