ދާދިފަހަކުން ސައުތް އިންޑިއާގެ ކޭކުއެޅުންތެރިންތަކެއް އެއްވެ ދުނިޔޭގެ ރިކޯޑެއް މިވަނީ ހޯދާފައެވެ. އެމީހުން ބުނާގޮތުންނަމަ އެއީ ދުނިޔޭގެ އެންމެ ދިގު ކޭކެއް އެޅުމުގެ ލަޤަބެވެ.
މިދިޔަ ބުދަ ދުވަހު ސައުތު އިންޑިއާގެ 1500 ބޭކަރުން އަދި ޝެފުން އެއްވެ އަޅާފައިވާ މި ކޭކުގެ ދިގުމިނުގައި 6.5 ކިލޯމީޓަރު (4 މޭލު) ހުރި ކަމަށް މީޑިއާތަކުން ލިބޭ މައުލޫމާތުތަކުން އެނގެއެވެ. އަދި ކޭކުގެ ފުޅާ މިނުގައި ހުރީ 4 އިންޗި(10 ސެންޓިމީޓަރު) ކަމަށްވެއެވެ. އަދި ކޭކުގެ ބަރުދަނުގައި ހުރީ 27000 ކިލޯ (59500) ޕައުންޑުކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ވެނީލާ ކޭކު ތައްޔާރުކުރުމަށް ކެރެލާގެ ފަސްޓިވަލް ބާއްވާ މަގެއްގައި އެއްހާހަށްވުރެ ގިނަ މޭޒު ޖެހިޖެހިގެން ގުޅުވާ ބަހައްޓާފައިވެއެވެ. އެއީ އެ މޭޒުތަކުގެ މަތީގައި ކޭކު ތައްޔާރުކުރުމަށެވެ.
ބޭކަރސް އެސޯސިއޭޝަން އޮފް ކެރެލާއިން އިންތިޒާމުކޮށްގެން ބާއްވާފައިވާ މި އިވެންޓް ބެލުމަށް ގިނަ ބަޔެއް އެއްވެފައިވާއިރު، މި ކޭކު އެޅުމަށް ކޮށްފައިވާ މަސައްކަތުގެ ފޮޓޯތައްވެސް މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.
1500 ބޭކަރުން ވެގެން މި ކޭކު ތައްޔާރުކުރުމަށް ގިނަ ވަގުތެއް ހޭދަވެގެންދިޔައިރު، ހަމަ އެކަނި ހަކުރާއި ފުއް އެއްކުރުމަށްވެސް 4 ގަޑިއިރު ނެގިކަމަށް ހަބަރުތަކުގައި ވެއެވެ. 12000 ކިލޯ ގެ ހަކުރާއި ފުއް މި ކޭކު އެޅުމަށް ބޭނުންކޮށްފައިވެއެވެ.
ގިނީޒް ވޯލްޑ ރެކޯޑްސްއިން މިއީ މިހާތަނަށް ދުނިޔޭގައި އެޅި އެންމެ ދިގު ކޭކުކަމަށް ނިއްމާފައިވާކަމަށް މައުލޫމާލިބެއެވެ. މީގެ ކުރިން މި ރިކޯޑު އޮތީ ޗައިނާގެ ބާކަރއެއްގެ އަތުގައެވެ. އެއީ 2018 ވަނަ އަހަރު ދިގުމިނުގައި 3.2 ކިލޯމީޓަރު ހުރި ކޭކެއް ތައްޔާރުކޮށްގެންނެވެ.





