ޗައިނާއިން އެމެރިކާއަށް ދިޔަ އެމެރިކާ މީހެއްގެ ގައިންވެސް ކްރޯނާ ވައިރަސް ފެނިއްޖެ އެވެ.
އެމެރިކާގެ ސެންޓަރ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ. ޗައިނާގެ ވުހާން ސިޓީ އިން ފެނިފައިވާ މިވައިރަސް އަށް ވުހާން ސިޓީން އެމެރިކާއަށް އެތެރެވާ ހުރިހާ ފަސިންޖަރުންވެސް ވަރަށް ރަނގަޅަށް ސްކްރީން ކުރައްވަމުން ގެންދަވާނެކަމަށް ސީޑީސީން ވަނީ ހާމަކޮށްފައެވެ.
ވައިރަސް ފެނުނު 30 އަހަރުގެ އެމެރިކާ މީހާއަށް މިހާރު ވޮސިންޓަންގެ ޕްރޮވިޑެންސް ރީޖިނަލް މެޑިކަލް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. މީނާ ވޫހަން އިން އެމެރިކާއަށް އައީ ޖެނުއަރީ 15 ދުވަހުއެވެ. އޭރު އެމެރިކާގެ އެއާޕޯޓު ތަކުގައި ކްރޯނާ ވައިރަހަށް ސްކްރީން ކުރުމަށް ނުފަށައެވެ.
މި މީހާ އާއި އެއްކޮށް އުޅުނު މީހުން އިތުރަށް ސްކްރީން ކުރުމުގެ މަސައްކަތް ސީޑީސީ އިން ގެންދަނީ ކުރަމުންނެވެ. މި މީހާ ބަލިވެ އުޅެންފެށީ ޗައިނާގެ ވުހާން ސިޓީ އިން އެމެރިކާއަށް އައިތާ 4 ދުވަސް ފަހުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާއިން 400 އަށްވުރެ ގިނަ މީހުންގެ ގައިން ކްރޯނާ ވައިރަސް ފެނިފައިވާއިރު އިއްޔެ އާއި ހަމަޔަށް މި ވައިރަސް ޖެހިގެން 9 މީހަކު ވަނީ ޗައިނާގައި މަރުވެފައެވެ.



