ކޮވިޑް-19 އަށް ޕޮސިޓިވުވެ އެންމެ ގިނަ އަދަދެއްގެ މީހުން ތިބި ގައުމަކަށް އެމެރިކާވެއްޖެއެވެ. މިގޮތުން މިހާރު އެމެރިކާގައި 85،500 އަށްވުރެ ގިނަ މީހުންނަށްވަނީ މިބަލި ޖެހިފައެވެ.
ޖޯން ހޮޕްކިންސް ޔުނިވާސިޓީއިން ބަލަހައްޓަމުންދާ ކޮވިޑް-19 ގެ ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގައި މިހާރު ޗައިނާ (81،782 ކޭސަސް) އަދި އިޓަލީ (80،589 ކޭސަސް) އަށްވުރެ ގިނަ މީހުންނަށްވަނީ ކޮވިޑް-19 ޖެހިފައެވެ. އެމެރިކާގައި މިބަލި މިހާބޮޑަށް ފެތުރިފައިވަނީ ކަމާބެހޭ ފަރާތްތަކުން މިބަލި ކޮންޓުރޯލް ކުރުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅުމުން ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކިލައްވައެވެ.
ކޮވިޑް-19 އަށް ޕޮސިޓިވުވި މީހުންގެ އަދަދު އެހެން އެއްވެސް ގައުމަކަށްވުރެ އެމެރިކާ ކުރީގައި އުޅޭނަމަވެސް މިބަލީގައި މަރުވިމީހުންގެ އަދަދަށްވުރެ އެމެރިކާ އުޅެނީ އަޓަލީ އަދި ޗައިނާއަށްވުރެ ފަހަތުގައެވެ. މިގޮތުން، ކޮވިޑް-19 ޖެހިގެން އެމެރިކާގައި 1،300 މީހުން މަރުވެފައި ވާއިރު އިޓަލީންވަނީ 8،215 މީހުން މިބަލީގައި މަރުވެފައެވެ. އަދި ވައިނާއިންވަނީ މިބަލީގައި 3،291 މީހުން މަރުވެފައެވެ.
އެމެރިކާގައި ކޮވިޑް-19 ޕޮސިޓުވުވި މީހުންގެ އަދަދު އެހެން އެއްވެސް ގައުމަކަށްވުރެ އިތުރު ވެފައިމިވަނީ، އެމެރިކާ މިބަލިމަޑުކަމުން އަރައިގަނެވި އާންމު ހާލަތަށް އަވަސް މުސްތަގުބަލެއްގައި ދާނެކަމަށް ރައީސް ޑޮނަލްޑް ޓުރަމްޕް ވިދާޅުވެފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި އަންނަނީ ވަޒީފާ ނެއްމީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.



