އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ހިމަބިހި ވެކްސިން ހަދިޔާކޮށްފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން ނިންމި 30،000 މީސަލްސް ވެކްސިން ޑޯޒް، ދިވެހި ސަރުކާރާއި ޙަވާލުކޮށްފައިވަނީ މިއަދުއެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ ސަރުކާރުގެ ފަރާތުން ވެކްސިން ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރެވެ. ދިވެހިރާއްޖޭގެ ފަރާތުން ވެކްސިނާއި ހަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން އެވެ.

އަދި ވެކްސިންއާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަމީން ވަނީ އިންޑިއާގެ ސަރުކާރަށް ޝުކުރުއަދާކުރައްވާފައިވާއިރު، އިންޑިއާއިން މިހާ އަވަހަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުން ރަމްޒުވެގެންދާ ކަމެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ޑޯޒް ހަމަނުކޮށް ތިބި ގިނަ އަދަދެއްގެ ކުދިން ރާއްޖޭގައި ތިބިކަމަށާއި، މިހުރިހާ ފަރާތްކުންވެސް ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެދޭކަމަށެވެ.

މިބައްޔަށް މިހާތަނަށް 3100 މީހަކަށް ވެކްސިން ދީފައިވެއެވެ.

ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ރާއްޖެ ކަނޑައެޅިގެން ދިޔަނަމަވެސް، ދާދިފަހުން ރާއްޖެއިންވަނީ ހިމަބިހި ފެނިފައެވެ. ދޮޅު އަހަރަށްފަހު ރާއްޖެއިން ހިމަބިހި ފެނިފައިވަނީ އުމުރުން 3 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިންނެވެ. އަދި އެއީ އުމުރުން ހަތަރު މަހުގައި ވެކްސިން ދިނުން ހުއްޓާލާފައިވާ ކުއްޖެއްކަމަށްވެސް ވެއެވެ.

އޭގެފަހުން އިތުރު ތިން މީހަކުވެސްވަނީ ހިމަބިއްސަށް ޕޮސިޓިވްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ