މިއަދުގެ މުޖުތަމަޢުގައި އެ ވަބާއެއްގެ ނުރައްކާތެރިކަމާއި ގެއްލުން އެންމެ ބޮޑަސް ކުރިމަތިވެފއިވާ އެއް ވަބާ ކަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން މިވަނީ ވެފައެވެ. މިފަދަ ބިރުވެރި ހިތާމަވެރި އެތައް ހާދިޘާއެއް މިއަދު މި ކުޑަކުޑަ މުޖުތަމަޢުގައި ދަނީ ހިނގަމުންނެވެ.
މިކަމުގެ ކަންބޮޑުވުން މުޅި މުޖުތަމަޢުގައި ފެތުރިފައިވަނިކޮށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ދިނުމާއި ޖިންސީ ގޯނާ ކުރުމުގެ ނުބައިކަމާގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މިއަދުގެ ޚުތުބާގައި ބުނެފައިވަނީ ހެޔޮލަފާ ޢާއިލާއަކާއި، ތަޤްވާވެރި ބައްޕައަކާއި، ޝާލިޙް މަންމައެއް ދަރީންނަށް ލިބިގެން ދިއުމަކީ އެ ދަރީންނަށްޓަކައި އަދާކޮށްދޭންޖެހޭ، ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި، ކުޑަކުދިންނަށް އަޅާއިލުމަށާއި، އެކުދީންނަށް ހެޔޮ ނަމޫނާ ދެއްކުމަށް މައިންބަފައިންނާއި، ބެލެނިވެރިންނާއި ބަލަދުވެރިންނަށް މަޙްރަމުންނަށް އިސްލާމް ދީން ވަރަށް މަތީ ދަރަޖައަކަށް ބާރުއަޅުއްވާފައިވާކަމަށެވެ.
ޚުތުބާގައި ވިދާޅުވެފައި ވަނީ މައިމީހާގެ ރަޙިމުގައި ދަރިފުޅު ގަރުބަގަންނަ ހިސާބުން އެ ދަރިފުޅަށް އަޅައިލުމަށް އިސްލާމްދީން ގަދަ އަމުރުން އަމުރުކުރައްވާފައިވާކަމަށާއި، އެ ދަރީންނަށް އެއްވެސް ކަހަލަ އަނިތޔާއެއް ދިނުން ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާކަމަށެވެ.
ނަމަވެސް އިންސާނީ މުޖުތަމަޢުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި، އިވޭ އަޑުތަކާއި ހިނގާ ޙާދިޘާތަކުން އިންސާނިއްޔަތުގެ ޝުޢޫރެއް ހިނގާ ކޮންމެ މީހަކު ފިއްކަނޑައިގެންދާވަރުވާކަމަށް ވަނީ ވިދާޅުވެފައެވެ. އިންސާނިއްޔަތަކީ، އަޅާލުމާއި ކަމޭހިތުމާއި އޯޤާތެރިކަމަށް ކިޔޭ ނަމަކަށްވާއިރު، މައިންބަފައިންނާއި އަމިއްލަ ދަރީން ވަކިކުރަން ނޭންގޭ އިންސާނުން، އިންސާނީ މުޖުތަމަޢުތަކުގައި އުޅޭކަން ޚުތުބާގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މަޢުސޫމު ޅަދަރީން ބެލެހެއްޓުމާއި އަޅާލުމުގެ ޒިންމާ އުފުލުމާ މަތިވެގެންވާ ފަރާތްތަކުން އެ ޅަދަރީންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާތައްދޭ ހިނދު، އަހުރެމެންނަށް ތިޔަ ފަދަ އަނިޔާތަކާއި ގޯނާތައް ތިޔަކުރަނީ، އަހުރެމެން ކޮން ކުށެއްކޮށްގެންތޯ އެ މަޢުޞޫމު ދަރީން ސުވާލުކުރާނެ ވަގުތު ކުޑަތަންވަމުން އަންނަ ކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. "އެ ސުވާލުތަކަށް އެ އަނިޔާވެރީން ދޭނީ ފަހެ ކޮން ޖަވާބެއް ހެއްޔެވެ؟" ޚުތުބާއި ވިދާޅުވެފައިވެއެވެ.
އެބަޔަކަށް އެންމެ އޯޤާތެރިވާން ޖެހޭ ބަޔަކީ، ބޮޑެތި މީހުންގެ އޯގާތެރިކަމާއި ކުލުނާއި ޙަމްދަރުދީއަށް އެދިއެދި ތިބި ކުޑަކުދީންކަމަށް ވާއިރު، މުޖުތަމަޢު ތެރޭގައި ފާޅުވަމުންދާ ކަންކަމާއި، ކުޑަކުދިންނާމެދު ހިންގޭ ލާއިންސާނީ ޢަމަލުތަކާމެދު ފުންކޮށް ވިސްނައިނުމަށް ޚުތުބައި ވަނީ ގޮވާލައްވާފައެވެ.
ހަދީޘްއެގެ މާނާގައި ވެއެވެ. "އަހަރެމެންގެ ތެރޭގައިވާ ކުޑަކުދީންނަށް ރަޙުމް ނުކުރާ މީހުންނަކީ، އަހަރެމެންގެ އުންމަތުގެ މީހުންނެއް ނޫނެވެ."
މިފަދަ ނުބައި ބަލިމަޑުކަމެއްގެ ތެރެއަށް މުޖުތަމަޢު ވެއްޓިގެން ދިއުމުގައި ގިނަ ސަބަބުތަކެއް ހުރިކަމަށާއި އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ މަސްތުވާ ތަކެތީގެ ވަބާކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިންޓަނެޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އިންޓަނެޓްގެ ޒަރީއާއިން ލަދުވެތިކަމާއި، ޣީރަތްތެރިކަން ގެއްލޭފަދަ ހުތުރުކަން ބޮޑު މަންޒަރުތައް ބެލުމަކީވެސް މިފަދަ ބަލިމަޑުކަން މުޖުތަމަޢުގައި ފެތުރުމަށް މެދުވެރިވާ ސަބަބެއްކަމުގައި ޚުތުބާއި ވިދާޅުވެފައިވެއެވެ.




