މޯދީގެ ސަރުކާރަކީ "ރޭސިސްޓް" ސަރުކާރެއް - އިމްރާން ހާން

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ރޭސިސްޓު ސަރުކާރެއް ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގައި ކަޝްމީރު ދުވަހުގެ ގޮތުގައި ފާހަގަކުރާ ފެބްރުއަރީ ފަސްވަނަ ދުވަހާއި ގުޅޭގޮތުން އިމްރާން ހާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޯދީގެ ރޭސިސްޓް ސަރުކާރުގެ 900 ހާސް ސިފައިން ވެގެން ހިސޯރު ކޮށްފައިވާ ކަޝްމީރުގެ އަށް މިލިއަން ރައްޔިތުންގެ ހައްގުގައި އެންމެހާ ޕާކިސްތާނު ރައްޔިތުން ފެބުރުއަރީ ފަސްވަނަ ދުވަހު ނުކުމެދެއްވުން އެދޭކަމަށެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް އެ ސަރަހައްދު ބަދަލުކުރުމާއެކު ކަޝްމީރުގައިވަނީ އިންޑިއާ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ބާއްވައިފައެވެ.

މި މުޒާހަރާތައް ކޮންޓުރޯލް ކުރުމުގެ ނަމުގައި އިންޑިއާގެ މައި ސަރުކާރުންވަނީ ކަޝްމީރުގައި ކާފިއު އިއުލާނުކޮށް ގިނަ އަދަދެއްގެ ސިފައިން ކަޝްމީރަށް ފޮނުވައިފައެވެ. އަދި ބައެއް އަސާސީ ހިދުމަތްތަކުންވެސްވަނީ ކަޝްމީރު ރައްޔިތުން ބާކީކޮށްފައެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާޔާއި ޕާކިސްތާނުގެ ގުޅުން އަބަދުވެސް ހީނަރެވެ. އަދި މިމައްސަލަ މިފަހުން ބޮޑުވެ ދެގައުމުންވަނީ ހަމަލާވެސް ބަދަލުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ