މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ޒިންމާ ބޮޑު - މިނިސްޓަރ މާރިޔާ

މަސްތުވާތަކެތީގެ ވަބާއަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވާއިރު، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަ ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔަ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިންގުގައި އޮތް މި ޙަފްލާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ކަސްޓަމްސް ދުވަހުގެ މިއަހަރުގެ ޝިޢާރު ކަމަށްވާ "މީހުންނާއި ދުނިޔޭގެ ފާގަތިކަން ދަމަހައްޓައިދޭ ފަރާތެއްގެ ގޮތުގައި ކަސްޓަމްސް" އިން އެކަނިވެސް، ކަސްޓަމްސުން އަދާކުރާ ދައުރުގެ މުހިންމުކަމާއި ފުޅާކަން ދޭހަވާ ކަމަށެވެ. އެގޮތުން، ކޮންމެ ދުވަހަކު، ޤައުމަށް އެތެރެކުރާ މުދަލާއި ތަކެއްޗާއި، ޤައުމުން ބޭރުކުރާ މުދަލާއި ތަކެތީގެ ހިސާބުކިތާބު ބަލަހައްޓައި، ދަޢުލަތަށް ނަގަންޖެހޭ ޑިއުޓީ ނެގުމަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިލާމެހިފައިވާ ބުރަ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާލުވިއެވެ.

މިނިސްޓަރ މާރިޔާ އިތުރަށް ވިދާޅުވީ، ކަސްޓަމްސް ދުވަހާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަލަށް ތަޢާރަފްކުރި 3 ޚިދުމަތް ކަމަށްވާ އިމްޕޯޓަރ / އެކްސްޕޯޓަރ ރެޖިސްޓްރޭޝަން އޮންލައިންކުރުމާއި، އޮފްޝޯރ އޮންލައިން އެޕްލިކޭޝަންގެ ސަބަބުން، ކަސްޓަމްސްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މިހާރަށްވުރެ ފަހި އަދި ފަސޭހަ މާހައުލެއް ޤާއިމްވެގެންދާނެކަމަށެވެ. ސަރުކާރުގެ ޢަމާޒަކީ ވީހާވެސް ގާތުން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުންކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވިދާޅުވީ، ސްމާޓްފޯނުން ގިނަ ކަންކަން ކޮށް ނިންމާލެވޭ މި ޒަމާނުގައި، "ޑިޖިޓަލް" ކޮށް އަދި "ޕޭޕަރލެސް" ކޮށް މިފަދަ ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެހިފައި އޮތުމަކީ ތިމާވެށީގެ ނަޒަރުން ބެލިއަސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރ މާރިޔާ ވަނީ، ކަސްޓަމްސް މިއަދު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު، ކަސްޓަމްސްގެ ޚިދުމަތުގައި ވަރަށް ތަޢުލީމީ، ޤާބިލް ބޭފުޅުންނާއި އަންހެން ބޭފުޅުން ޙަރަކާތްތެރިވެވަޑައިގަންނަވަމުންދާކަމީ އުފަލެއްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާގެ އުންމީދަކީ މިބޭބޭފުޅުންގެ އިންޕުޓާއި ޚިޔާލާއި މަޝްވަރާޔާ އެކީގައި، ކަސްޓަމްސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ