ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 27 މައްސަލައެއް މިދިޔަ ޑިސެމްބަރު މަހު ހުށަހެޅިފައިވާކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި މިދިޔަ ޑިސެމްބަރު މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ މަހު އެކި ބާވަތުގެ 283 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅުނުއިރު އޭގެތެރެއިން 134 މައްސަލައަކީ ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލައެވެ.
އޭގެ ތެރޭގައި ޖިންސީ ގޯނާ ކުރުމުގެ 27 މައްސަލައެއްވެއެވެ. ކުޑަކުދިންނަށް އެކި ކަހަލަ އަނިޔާކުރުމުގެ މައްސަލައިގެ ތެރޭގައި އެންމެ ގިނައިން މިދިޔަ މަހު ޖެންޑާރއަށް ހުށަހެޅިފައިވަނީ އިޙުމާލުވުމުގެ މައްސަލަތަކެވެ. މިބާވަތުގެ 66 މައްސަލައެއް ޖެންޑާރއަށް ރިޕޯޓުކޮށްފައިވެއެވެ.
Case #statistics: Ministry received & attended to a total of 283 cases in December 2019
— Ministry of Gender, Family and Social Services (@MoGFSSmv) January 28, 2020
ENG: https://t.co/zdGKj3mdT2
DHV: https://t.co/jwt9EAO4kJ#ViolenceAgainstChildren #ChildRights #GenderBasedViolence #GBV#DomesticViolence@UNICEFMaldives @presidencymv pic.twitter.com/mo9L0UIRg5
މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 17 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެތެރޭގައި ވެކްސިން ނުދިނުމުގެ 7 މައްސަލައަކާއި، ތަޢުލީމުން މަޙްރޫމް ކުރުމުގެ 6 މައްސަލައަކާއި، އުފަންވުން ރަޖިސްޓްރީ ނުކުރާ 2 މައްސަލައަކާއި، ސިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލައިގެ އިތުރުން މަޖުބޫރުން ކައިވެނިކުރުވުމުގެ 1 މައްސަލަ ހިމެނޭކަމަށް ޖެންޑާރއިން ވިދާޅުވިއެވެ.
މީގެއިތުރުން އާޢިލީ 30 މައްސަލައަކާއި، ގެވެށި އަނީޔާގެ 44 މައްސަލައެއް މިދިޔަ މަހު ހުށަހެޅިފައިވާކަމަށްވެސް ޖެންޑަރއިން ވިދާޅުވިއެވެ.