މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި "ސެޓިފިކެޓް 1 އިން ޕޯރޓް ސެކިއުރިޓީ ޓްރެއިނިންގ” ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ބަންޑާރަކޮށީގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަ ވަނައަށް ހޮވުނު ބައިވެރިންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ކޯހުގެ ދަރިވަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މިރަސްމިއްޔާތުގައިި ކޯހުގެ ބައިވެރިންނަށް ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ސީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ 29 މުވައްޒަފަކު ވަނީ ބައިވެރިވެ ކޯސް ފުރިހަމަކޮށްފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، ތިން ހަފުތާގެ މުއްދަތައް ކ. ގިރިފުށީގައި ކުރިއަށްގެންދިޔަ މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް ޓެކްނިކްސް، އިންޓަނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވައިރަމަންޓް، ފަސްޓް އެއިޑް، ސެކިއުރިޓީ އިކުއިޕްމަންޓް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ރޭޑިއޯ ކޮމިއުނިކޭޝަން، ސެކިއުރިޓީ ޓެކްނިކްސް އެންޑް ޕްރޮސީޖަރސް އަދި ކޯޕަރޭޓް އެންވަޔަރމަންޓް ހިމެނެއެވެ.
މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންއާއި ކަސްޓަމްސް ސަރވިސް އަދި ޕޯޓް ހެލްތާއި ޓްރާންސްޕޯޓް އޮތޯރިޓީއިން، ޕޯޓްތަކުގައި އަދާކުރާ ދަޢުރާއި ގުޅޭގޮތުން ކޯހުގެ ބައިވެރިންނަށް، އެ އިދާރާތަކުގެ ތަޖުރިބާކާރު ލެކްޗަރައިން ވަނީ ކުލާސްތައް ނަންގައިވައިދެއްވާފައެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ހިންގި މި ކޯސް ނިންމުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމާއި އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް ޝާހިދު ޢަލީއާއި ކޯހުގައި މުދައްރިބުންގޮތުގައި މަސައްކަތްކުރެއްވި ކޯސްޓްގާޑްގެ ސިފައިން ބައިވެރިވިއެވެ.
"ސެޓިފިކެޓް 1 އިން ޕޯރޓް ސެކިއުރިޓީ ޓްރެއިނިންގ" އެމްޕީއެލްގެ 29 މުވައްޒަފަކު ފުރިހަމަކޮށްފި




