އަމިއްލަ އަންހެން ދަރިފުޅަށް އެއަހަރު ފުރުމުގެ މުނާސަބަތުގައި ކަމަށްބުނެ "ފޭކް" އުފަންދުވަހުގެ ޕާޓީއެއް ރާވައި އެޕާޓީއަށް އައި 20 ވުރެ ގިނަ ކުޑަކުދިން ރަހީނުކުރި އިންޑިއާގެ ފިރެހެނަކު އެގައުމުގެ ފުލުހުން ބަޑިން ހަމަލާދީ މަރާލައިފިއެވެ.
އިންޑިއާގެ ފުލުހުން މިމީހާ މަރާލައިފައިވަނީ ކުދިން ސަލާމަތް ކުރުމަށްޓަކައި ވާހަކަދައްކައި އެކަން ކާމިޔާބުނުވެ ކުރިމަތިލުމަކަށް ގޮސްގެންނެވެ. މިހާދިސާގައި އެއްވެސް ކުއްޖަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އިންޑިއާ ފުލުހުން މައުލޫމާތު ދެއެވެ.
އުމުރުން ހަމަހާއި 15 އަހަރާއި ދެމެދުގެ 20 ވުރެ ގިނަ ކުޑަކުދިން ރަހީނުކޮށްފައިވަނީ އިންޑިއާގެ އުއްތަރަޕުރަދޭޝް ގައި ސުބާސް ބައްތަމް ނަމަކަށްކިޔާ މީހެކެވެ.
ފުލުހުން ހަމަލާދީ ސުބާސް މަރާލައިފައި ވަނިކޮށް އެސަރަހައްދުގެ އާމުން އެއްވެ ހަމަލާދީ އޭނާގެ އަންހެނުންވެސްވަނީ މަރާލައިފައެވެ. ފުލުހުންބުނީ އަންހެން މީހާ މަރުވެފައިވަނީ އެސަރަހައްދުން ފިލަން މަސައްކަތް ކުރުމުން އާމުން ގަލުންތަޅައެވެ.
އިންޑިއާގައި ކުޑަކުދިން ވަގަށް ނެގުމާއި އަންހެނުންނަށް އިހާނެތި އަނިޔާ ދިނުމަކީ އާންމު ކަމެކެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ފަހަކަށް އައިސް އިންޑިއާ ސަރުކާރުން އަންނަނީ މިފަދަ އަމަލުތައް ހިނގާ މީހުންނަށް ހަރުކަށި އަދަބު ދެމުންނެވެ.



