ލަންކާ އިން ކޮރޯނާއަށް ޕޮޒިޓިވްވި މީހާ ރަނގަޅު ވެއްޖެ

އަވަށްޓެރި ސްރީލަންކާ އިން ކޮރޯނާއަށް ޕޮޒިޓިވްވި މީހާ ރަނގަޅު ވެއްޖެކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ލަންކާގެ ހެލްތު ސާވިސެސްގެ ޑައިރެކްޓާ ޖެނެރަލް އަނިލް ޖަޔަސިން ވިދާޅުވީ، އެޤައުމުން ކޮރޯނާއަށް ޕޮޒިޓިވްވި މީހާ އެ ބަލިން އެއްކޮށް ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

ލަންކާއިން ކޮރޯނާ ވައިރަސް ފެނިފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ޗައިނާގެ ހުބޭއި ޕްރޮވިންސުން ލަންކާ އަށް އައި ޗައިނާގެ އުމުރުން 43 އަހަރުގެ އަންހެނެއްގެ ގައިންނެވެ.

މިވައިރަހުގެ އިތުރު ކޭސްއެއް ލަންކާއިން ފެނިފައިނުވާއިރު، ވުހާން އާއި ޗައިނާގެ އެހެން ސިޓީތަކުގައި ތިބި ލަންކާގެ ދަރިވަރުން މިހާރުވަނީ އެނބުރާ ގައުމަށް ގެނެސްފައެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް ޗައިނާ އިން 259 މީހުން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށްވުރެ މައްޗަށް އަރާފައެވެ. މިބަލި ކޮންޓްރޯލް ނުވެ ދުވަހެއް ދުވަހަށް ބައްޔަށް ޕޮޒިޓިވްވާ މީހުން އިތުރު ވަމުންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ވައިރަހާ ގުޅިގެން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ