ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގދ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް ވާދަކުރާނީ ކެޔޮޅުކަން ކަށަވަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ނަތީޖާ ދައްކާގޮތުން ޕްރިމަރީ ކާމިޔާބުކޮށްފައިވަނީ މުޙައްމަދު ހަސަން (ކެޔޮޅު) އެވެ.
ކައުންސިލްގެ އިންތިޚާބުގައި 60 އިންސައްތަ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނެކަމަށް އެ ޕާޓީގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.
ނިމިދިޔަ އެމްޑީޕީ ޕްރައިމަރީއަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މި ޕްރައިމަރީގައި 909 ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، 169 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހުއެވެ.



