ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން 5 މީހުންވަނީ ޙައްޔަރުކޮށްފައި: ފުލުހުން

ހުޅުމާލޭގައި ރޭ ވަޅިން ދިން ހަމަލާއާ ގުޅިގެން 5 މީހުންވަނީ ޙައްޔަރުކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސް ކޮންފަރެންސް އެއްގައި ފުލުހުން ވިދާޅުވީ، މިމައްސަލައާއި ގުޅިގެން މިހާތަނަށް ފާހަގަކުރެވޭ ގޮތުގައި މިޢަމަލު ހިންގާފައިވަނީ ހަރުކަށި ފިކުރެއްގެ ބައެއްކަމަށާއި، އަދި މިހާތަނަށް ފަސް މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި ޙައްޔަރުކޮށްފައިވާ ހުސް ދިވެހިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ، އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، އަނެއް ދެ މީހުންނަށް ހޮސްޕިޓަލްގައި މިހާރުވެސް ފަރުވާދެމުންދާކަމަކަށެވެ.

މިކަން ކުރި އެންމެހައި ފަރާތްތައް ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެންނާނެކަމަށް ފުލުހުން ވިދާޅުވިއިރު، އޭގެ ތެރޭގައި މިކަމުގައި އެހީތެރިވި ފަރާތްތައްވެސް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ހުޅުމާލޭގައި އަންގާރަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލައިގެ ޒިންމާ ނަގާ ކަމަށް ބުނެ ބަޔަކު އާންމުކުރި ވީޑިއޯގެ ސައްހަކަން އަދިވެސް މިދަނީ ބަލަމުންދާކަމަށާއި، އެފަދަ ވީޑިއޯތައް ޝެއާ ކުރުމަކީ ގާނޫނީ ކުށެއްކަމަށެވެ.

"އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. އެ ކަންކަމަށް ޖާގަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރާނެ. އެއާ ގުޅިގެން ތަޙުޤީޤު ކުރަންޖެހޭ ނަމަ އެ ކަން ކުރާނެ." ފުލުހުން ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މަސައްކަތް ތުރުކީގެ މީހަކަށް މިދިޔަ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލަ އާއި އަންގާރަ ދުވަހުގެ ރޭގެ ހަމަލައާ ގުޅުމެއް ވޭތޯ ބަލާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ދިން ހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ބަޔަކު ނަގައި ވާހަކަދައްކާފައިވާ ވީޑިއޯއެއް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިސްލާމިކް ސްޓޭޓުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށް ބުނާ “އަލް-މުސްތަޤިމް” ކިޔާ ޓެލެގްރާމް ޗެނަލެއްގައި އާންމުކޮށްފައިވާ ވީޑިއޯއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވީޑިއޯއެއް ދައުރު ވަމުންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯގައި ބުނެފައިވަނީ ފަތުރުވެރިންނަށް ވަޅިން ދެވުނު ހަމަލާގެ ޒިންމާ އެފަރާތުން ނަގާކަމަށެވެ. އަދި އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް މި ވީޑިއޯގައި ވަނީ ދީފައެވެ.

ދެން ހުރި ހަމާލަތައް ދެވޭނެ ތަނެއް އަދި ދެވޭނެ ވަގުތެއް ނުވެސް އިނގޭނެ ކަމަށް ވީޑިއޯގައި ބުނެއެވެ. ދީނީ އިލްމުވެރިންނަށާއި ރާއްޖޭގެ ވެރިންނަށްވެސް މި ވީޑިއޯގައި އިންޒާރު ދީފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ