ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް މާލޭ ސިޓީ މޭޔަރުގެ ޓިކެޓު އަނަސް އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާ ތަކަށް ބަލާއިރު މިހާރުގެ މޭޔަރު ޝިފާ މުޙައްމަދަށް ވަނީ އިންތިޚާބު ނާކާމިޔާބު ވެފައެވެ. އެންމެ ކުރީގައި އަނަސް އުޅޭއިރު އިތުރު ކެނޑިޑޭޓަކަށް އަނަސް އާއި އެއްވަރު ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.
އަނަސް މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރަން ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު، މިފަހަކަށް އައިސް މާލޭގެ މޭޔަރ ޝިފާއަށް ތަފާތު ފާޑުކިޔުންތައް އަމާޒުވެފައެވެ. މި ސަރުކާރު އައި ފަހުންވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.
އިއްޔެ ބޭއްވިގެންދިޔަ އެމްޑީޕީ ޕްރައިމަރީއަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. މި ޕްރައިމަރީގައި 909 ކެނޑިޑޭޓުން ވާދަކޮށްފައިވާއިރު، 169 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.
އައްޑޫ ސިޓީގެ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގާއި (ސޯބެ) އާއި ވާދަކޮށް އަލީ ނިޒާރުވެސް ވަނީ ބޮޑު ތަފާތަކުން އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްފައެވެ.




