ދިވެހި ރައްޔިތުންގެ އައިޑީ ކާޑު ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މިދައުރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
"މިހާރު އެކުލަވައިލާފައިވާ ނެޝަނަލް އައިޑެންޓިފިކޭޝަން މަގުޗާޓާ އެއްގޮތަށް، ދިވެހި ރައްޔިތުންގެ އައިޑެންޓިޓީ ކާޑުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެ" ރައީސް ޞޯލިހު ވިދާޅުވި އެވެ.
ތަރައްޤީގެ އަމާޒުތަކަށް ވާޞިލުވުމުގައި، ސަރުކާރަށް ދިމާވާ ގޮންޖެހުންތައް ޙައްލުކުރެވޭނީ، ޒަމާނީ އައު ޓެކްނޮލޮޖީގެ ބޭނުން ހިފިވަރަކުން ކަމަށާއި ދުނިޔޭގެ އިޤްތިޞާދީ ދުވެއްޔާ ފައިހަމަކޮށް، އަދި އީޖާދީ ގޮތްތަކުގެ ބޭނުން ހިފައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
ވިޔަފާރިއާއި މަސައްކަތް ހޯދަން ދަންނަ ޖީލެއް އުފެއްދުމަށްޓަކައި، ދަރިވަރުންނާއި ޒުވާނުން، ޓެކްނޮލޮޖީއާއި ސައިންސަށް އަހުލުވެރިކުރުވުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި ޤައުމީ މަންހަޖަށް ސްޓެމްގެ މާއްދާތައް ތަރައްޤީކޮށް، ޕްރައިމަރީ ސްކޫލުން ފެށިގެން ކޯޑިން ދަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތް ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ



