ސަރުކާރުގެ މައި އޮފީސް އިމާރާތް، ވެލާނާގެ - ފެށުން ފޮޓޯ: ވިސާމް

ވަޒީފާއާއި ގުޅޭ 7 އޮނިގަނޑެއް ފާސް ކުރަން ޕޭ ކޮމިޝަނަށް ފޮނުވައިފި

ވަޒީފާއާއި ގުޅޭ 7 އޮނިގަނޑެއް ފާސް ކުރަން ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން، ޕޭ ކޮމިޝަނަށް ފޮނުވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިކަން ހާމަ ކުރައްވާފައި ވަނީ ފާއިތުވި ޖަނަވަރީ 30 ވަނަ ދުވަހުއެވެ.

އެ ކޮމިޝަނުން ވިދާޅުވެފައި ވަނީ ވަޒީފާ އާއި ގުޅޭ ތިން އޮނިގަނޑެއް ފާސް ކުރުމަށްފަހު ޕޭ ކޮމިޝަނަށް ފޮނުއްވާފައިވާކަމަށެވެ. އެގޮތުން ސީއެސްސީ އިން ޕޭ ކޮމިޝަނަށް ފޮނުވާފައިވާ އޮނޑުތަކަކީ، ސްކިލްޑް ވަރކްސްގެ ވަޒީފާގެ އޮނިގަނޑާއި، ކޮމިއުނިޓީ ހެލްތު އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑާއި އަދި މެޑިކަލް ލެބޯޓްރީ ދާއިރާގެ ވަޒީފާގެ އޮނިގަނޑެވެ.

މި އޮނިގަނޑު ތަކުގެ ތެރޭގައި ސްކިލްޑް ވަރކްސްގެ ވަޒީފާގެ ފަސް އޮނިގަނޑެއް ހިމެނޭކަމުގައި އެ ކޮމިޝަނުން ވިދާޅުވެފައިއެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން ޓީޗަރުންނާއި، ހެލްތް ވޯކަރުންގެ މުސާރަވެސް ބޮޑު ކުރާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކުގެ މުސާރައަށް ބަދަލެއް ނުގެނެސް ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ދާދި ފަހުން ނިންނި ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ސިވިލް ސަރވަންޓުންނާއި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މުސާރަ ޝީޓްގައި ވާގޮތުން ސިޓީގެ މޭޔަރަކަށް 40،000ރ، ޑެޕިއުޓީ މޭޔަރަކަށް 35،000ރ، ސިޓީ ކައުންސިލް މެމްބަރަކަށް 30،000ރ، އަތޮޅު ކައުންސިލް ރައީސްއަކަށް 28،000ރ، ރަށު ކައުންސިލްގެ ރައީސްއަކަށް 23،000ރ، ޑެޕިއުޓީއަށް 15،000ރ އަދި މެންބަރަކަށް 12،000ރ ލިބޭނެއެވެ.

އެގޮތުން މި ބަދަލުގެނައުމުން ކައުންސިލް މެންބަރަކަށް ލިބޭ މުސާރައަކީ ޑިގްރީ ހާޞިލް ކޮށްފައިވާ ޓީޗަރަކަށް ކިރިޔާ ލިބޭ ވަރުކަމުގައި އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ މިއަދު ބާއްވާފައިވާއިރު، މަޖިލީހުގެ މި ދައުރުގައި މިނިމަމް ވޭޖުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު މިއަދު ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ