ކޮރޯނާއަށް ޓެސްޓް ކުރެވުނު 6 ފަރާތްވެސް ނެގެޓިވްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްބަޔާނެއްގައި އެޗްޕީއޭއިން ވިދާޅުވީ، ނޮވެލް ކޮރޯނާވައިރަސް ޖެހިފައި ހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކުރިއަށްގެންދެވޭ ސަރވެއިލަންސްގެ ދަށުން ބަލިހުރެދާނެކަމަށް ބެލެވޭ މިންގަނޑަށް ފެތޭ 1 ފަރާތެއް 30 ޖެނުއަރީގައި ފާހަގަކުރެވިގެން އެކަހެރިކޮށް ބަހައްޓައިގެން ފަރުވާދެވިފައިވާކަމަށާއި، ނޮވެލް ކޮރޯނާވައިރަސް އަށް މި ފަރާތް ޓެސްޓްކުރެވިފައިވާއިރު، ޓެސްޓްގެ ނަތީޖާ ދައްކަނީ ނޮވެލް ކޮރޯނާވައިރަސް އަށް ނެގެޓިވް ކަމުގައިކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވިދާޅުވީ، ބަލިހުރެދާނެކަމަށް ޝައްކުކުރެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަޑުތަކަށް ނުފެނުނު ނަމަވެސް އިތުރު 6 ފަރާތެއްވަނީ ސާމްޕަލް ނަގާ ޓެސްޓު ކުރެވިފައިކަމަށާއި، މިފަރާތްތަކުގެ ޓެސްޓުގެ ނަތީޖާވެސް ދައްކަނީ ނެގެޓިވް ކަމަށެވެ.
ކޮރޯނާ ވައިރަސްއަށް މިހާތަނަށް ޓެސްޓުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ބަލިހުރެދާނެކަމަށް ބެލެވޭ ފަރާތްތައް ދެނެގަތުމަށް ކަނޑައެޅިފައިވާ މިންގަޑުތަކަށް ފެތިގެން އެކަހެރިކުރެވި ޚިދުމަތްދީފައިވާ މީހަކާއި، ޗައިނާއިން ދަތުރުކޮށްފައިވާ ދިވެހިންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރިކަމަށް ރިޕޯޓްކޮށްފައިވާ ނަމަވެސް ބަލިހުރެދާނެކަމަށް
ޝައްކު ނުކުރެވޭ 4 ފަރާތެއްގެ އިތުރުން، ބަލީގެ އަލާމާތެއް ނުފެންނަ، އެހެން ނަމަވެސް ޗައިނާއިން ދަތުރުކޮށްފައިވާ 2 ދިވެހިންނެވެ.
އަދި މިހުރިހާ ފަރާތްތައްވެސް މިހާރު އެޗްޕީއޭގެ މޮނިޓަރިންގެ ދަށުން ދޫކޮށްލެވިފައިވާއިރު، މިބައްޔަށް ޝައްކުކުރެވިގެން އެކަހެރިކޮށްފައިވާ އަދި މޮނިޓަރިންގައި ބެހެއްޓިފައިވާ އެއްވެސް ފަރާތެއް މިވަގުތު ނެތްކަމަށްވެސް އެއެޖެންސީއިންވަނީ ވިދާޅުވެފައެވެ.



