އެލްޖީއޭގެ މުވައްޒަފުންތެރެއިން ދާއިމީ މުވައްޒަފުންނަށް، ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލު ކުރުމުން ދެވޭ ޗުއްޓީ (ފޮސްޓަރ ލީވް) ހަމަޖައްސައިފި އެވެ.
ފޮސްޓަރ ލީވު އެލްޖީއޭގެ މުވައްޒަފުންނަށް ދިނުމަށް ނިންމާފައިވަނީ 27 ޖަނަވަރީ 2020 ވަނަ ދުވަހު ބޭއްވި އެލްޖީއޭގެ، މިއަހަރުގެ 1 ވަނަ ބޯޑު ބައްދަލުވުމުގަ އެވެ.
މިގޮތުން މި ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ކުއްޖާގެ އުމުރުން 6 މަސް ނުވާނަމަ، އަންހެން މުވައްޒަފުންނަށް، ކުއްޖާގެ އުމުރުން 6 މަސް ވަންދެން، ބަންދު ދުވަސްތައް ހިމަނައިގެން، 6 މަހަށް ވުރެ އިތުރުނުވާގޮތަށް 6 މަސް ދުވަހުގެ ޗުއްޓީ އެކެވެ. ފިރިހެން މުވައްޒަފުންނަށް ކުއްޖާގެ އުމުރުން 7 މަސް ވަންދެން ބަންދު ދުވަސްތައް ހިމަނައިގެން 1 މަސް ދުވަހުގެ ޗުއްޓީއެކެވެ.
ޝަރުޢީ ގޮތުން ބެލެނިވެރިކަން ހަވާލުވާ ކުއްޖާގެ އުމުރު 6 (ހައެއް) މަހަށް ވުރެ އިތުރުވާނަމަ އަންހެން އަދި ފިރިހެން މުވައްޒަފުންނަށްވެސް ބަންދު ދުވަސްތައް ހިމަނައިގެން 1 (އެކެއް) މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޝަރުއީ ގޮތުން ބެލެނިވެރިކަން ހަވާލުވާ މުވައްޒަފުންނަށް ޝަރުއީ ބެލެނިވެރިކަން ހަވާލުކުރެވޭ ކުއްޖާއާއި ހަވާލުވާ އަންހެން މުވައްޒަފަށް ދެވިފައިވާ ޗުއްޓީ ހަމަކޮށް، ނުކުންނަ ދުވަހުން ފެށިގެން ކުއްޖާގެ އުމުރުން 1 އަހަރުވަންދެން، ކުއްޖާއަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭގޮތަށް، ކޮންމެ ދުވަހަކު ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ޝަރުއީ ބެލެނިވެރިކަން ހަވާލުކުރެވޭ ކުއްޖާއާއި ހަވާލުވާ އަންހެން މުވައްޒަފަށް ދެވިފައިވާ ޗުއްޓީ ހަމަވުމުން، ބެލެނިވެރިކަން ހަވާލު ކުރެވިފައިވާ އަންހެން ނުވަތަ ފިރިހެން މުވައްޒަފަށް މުސާރަ ނުލިބޭގޮތަށް 1 އަހަރު ދުވަހަށްވުރެ ދިގުނޫން ޗުއްޓީ އެއް ނެގުމުގެ ފުރުޞަތު ލިބޭގޮތަށްވެސް ވަނީ ނިންމައިފައެވެ.



