ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް

ބޭހެއްގެ ސަބަބުން ކުއްޖަކު ބީރުވި މައްސަލައިގެ މިއަދުވެސް ހުކުމް ނީއްވުނު

ތިން އަހަރުގެ ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ އެއް ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ދައުލަތާ ދެކޮޅަށް ކުރާ ދައުވާގެ ހުކުމް އިއްވުން ދިވެހިރާއްޖޭޑގެ ސުޕްރީމް ކޯޓުން މިއަދު ފަސްކޮށްފިއެވެ.

މީގެ 11 އަހަރު ކުރިން، 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ ހުން އަންނާތީ އެވެ. ފަރުވާ ދިނުމަށް އެ ކުއްޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮއްވާ ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ އެއް ކަންފަތުން އިވުން ދާއިމީކޮށް ވަނީ ގެއްލިފައެވެ.

އެ މައްސަލާގައި ޑޮކްޓަރުން އިހުމާލުވި ކަމަށް ބުނެ ގެއްލުމުގެ ބަދަލަށް 7.1 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް ދައުވާ ކުރަނީ އެ ކުއްޖާގެ ބައްޕަ އަހުމަދު އިހުސާނެވެ. އެ މައްސަލާގައި ކުރީގެ މަދަނީ ކޯޓާއި ހައި ކޯޓުން ވެސް ކުރިން ހުކުމް ކޮށްފައި އޮތީ އެކަމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުނުވާ ކަމަށެވެ.

ހައި ކޯޓުގެ އެ ނިންމުން އިހުސާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ނިންމާލައިފައިވާއިރު، އެ މައްސަލައިގެ ހުކުމް މިއަދު ހެނދުނު އިއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް ހުކުމް އިއްވުން ކެންސަލްކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ ބެންޗަކުން އެ މައްސަލައަކީ 2009 ވަނަ އަހަރުން ފެށިގެން އެކި މަރުހަލާތަކުގައި ހިނގަމުން ގޮސް ގިނަ ދުވަސް ވެފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ އަވަހަށް ނިންމަވާނެ ކަމަށް އެ މައްސަލާގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން އޮތީ އިއުލާން ކުރައްވައިފައެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ.


މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ