ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ، ކެންޑިޑޭޓް ނަންބަރު 4، ޙުސައިން ފިރުޝާނަކީ ނަޒާހަތްތެރިއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފިރުޝާންގެ ކެމްޕޭން ޖަލްސާގައި ގދ.މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން މިއަދު ހެނދުނު ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ ހިމާޔަތުގައި ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރަން ރައްޔިޔުންގެ މަޖިލީހަށް ދާންތިބީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށެވެ.
"އަޅުގަނޑުމެންގެ ކެންޑިޑޭޓް ޙުސައިން ފިރުޝާނަކީ ނަޒާހަތްތެރި ބޭފުޅެއް، އޭނާއަކީ ޕާޓީ ބަދަލުކުރާނެ ބޭފުޅެއް ނޫން އަދި ވައްކަން ކުރާނެ ބޭފުޅެއްވެސް ނޫން، ވޯޓް ވިއްކާނެ ބޭފުޅެއްވެސް ނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައްޔިޔުންގެ މަޖިލީހަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އެ މަޖިލީހުގެ މެންބަރުން ވަކާލާތު ކުރުމުގައި ރައްޔިތުންގެ މުހުތާދުތަކަށް ބަލައި ނުލާ، ކޮންމެސް އަމިއްލަ އެދުމެއް މައްޗަށް ބިނާކޮށް، އެ މަޖިލީހުގައި ހަރަކާތްތެރިވަމުން ދިއުން ކަމަށެވެ.
ތިމާގެ އަމިއްލަ އެދުމާއި، ފައިސާއާއި، ތަނަވަސް އެހެން ފަރާތެއްގެ ހިމާޔަތުގައި ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރައްވާތީ ހިތާމަކުރައްވާ ކަމަށާއި، އެޖެންޑާ 19 ގެ އެމްޑީޕީ ކެންޑިޑޭޓުންގެ ބޭނުމަކީ ދިވެހި ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރެއްވުން ކަމަށާއި، ދިވެހިންނަށް ހައްޤު މިންވަރު ހޯއްދަވައިދެއްވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ހޯނޑެއްދޫ ކައުންސިލްގެ މެންބަރުކަންވެސް ކުރައްވާފައިވާ ޙުސައިން ފިރުޝާނަކީ ފެށުނީންސުރެ އެމްޑީޕީގައި މަސައްކަތް ކުރައްވާ ޒުވާން ފަހުލަވާނެކެވެ. 2012 އިން ފެށިގެން އެމްޑީޕީން ބޭއްވި ހުރިހާ ރެލީތަކާއި މުޒާހަރާތަކުގައިހެން ބައިވެރިވި ހިތްވަރުގަދަ ފަހުލަވާނެކެވެ.




