ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ފޮޓޯއާއި ވީޑިއޯ އާންމު ނުކުރުމަށް އެދިއްޖެ

ކުޑަކުދިންނާއި ގުޅޭ މައްސަލަތަކުގައި އެކުދިން ފެންނަ އެއްވެސް ކަހަލަ ވީޑިއޯއެއް އަދި ފޮޓޯއެއް ވެސް އާންމު ނުކުރުމަށް ޖެންޑާ މިނިސްޓްރީއާ ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެކުދިން ދެނެގަނެވޭނެ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިޒް ކުރުމުގެ ބަދަލުގައި އެ ބާވަތުގެ މައްސަލަތައް ފުލުހުންނަށާއި، މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1412 އަށް ގުޅުއްވައި ރިޕޯޓްކުރުމަށް އިލްތިމާސްކޮށްފައެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ކުޑަކުދިން ކުރާ ނޭދެވޭ ކަންކަމުގެ އެއްވެސް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށެވެ. އަދި މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުމުގެ ބަދަލުގައި ފުލުހުންނަށް ރިޕޯޓު ކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެއްވިއެވެ. އެފަދަ ވީޑިއޯތައް އާންމުވުމުގެ ސަބަބުން ކުއްޖާއަށްވެސް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނާއި ޖެންޑާއިން މިގޮތަށް އެދިފައި މިވަނީ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގެއެއްގެ ބެލްކަނީގައި ތިބެގެން އުމުރާ ނުގުޅޭ އަމަލުތަކެއް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ