ޖެންޑަރ މިނިސްޓަރަކަށް ހުންނެވި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވި ދެއްވުން އަދާލަތު ޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ އަމަލެއްގެ ގޮތުގައި ކަމަށް އެޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޚާއްޞަކޮށް އިސްތިއުފާ ދެއްވި ސަބަބުކަމުގައިވާ އެ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ އެޕާޓީން ނުހަނު އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެއްކަމަށެވެ.
އަންހެނުންނާއި ކުޑަކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅު ތަކެކެއް ކަމަށް އަދާލަތު ޕާޓީން ބުނެއެވެ.
ޝިދާތާ އެ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިޚްލާސްތެރިކަމާއި ހަރުދަނާކަން އެ ޕާޓީން ނިހާޔަތަށް ބަލައިގަންނަ ކަމަށާއި ޝިދާތާ އަކީ 2010 ވަނަ އަހަރުން ފެށިގެން އެ ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭކަނބަލެއް ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ. އަދި ޝިދާތާ އަކީ އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެފައިވާ ކަނބަލެއް ކަމަށާއި އެޕާޓީން އަބަދުވެސް ހަނދާންކޮށް ފާހަގަ ކުރާނެ ޚިދުމަތެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޝިދާތާ ޝަރީފަކީ ވަޒިރުކަން އަދާކުރެއްވުމުގެ ކުރިންނާއި ވަޒީރު ކަމުގައިވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެއް ކަމަށްވެސް އަދާލަތު ޕާޓީން ބުނެއެވެ.
ވަޒީރުކަމުން އިސްތިއުފާ ދެއްވިނަމަވެސް ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް ނިންމަވާފައިވާކަމީ އެ ޕާޓީއާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި އެކަމުގައި ޕާޓީން އެކަމަނާއަށް ވެދެއްވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ވެދެމުން ގެންދަވާނެ ކަމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.




