މާފުށީގައި ހިނގައިދިޔަ ހާދިސާއަށް ބަލާއިރު، ފުލުހުން އެވަގުތު ފަތުރުވެރިޔާ ނުހިފެހައްޓައި ދޫކޮށްލިނަމަ ފުލުހުންނަށް މިހާރަށްވުރެ ބޮޑަށް ފާޑުކިޔުން އަމާޒުވީސް ކަމުގައި ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދަޅުވެއްޖެއެވެ.
އިމްރާން ވިދާޅުވީ މާފުށީގެ ހާދިސާއަށް ބަލާއިރުގައި، ފުލުހުން އެވަގުތުގައި އެކަން ކޮށްފައި އޮތީ ރަނގަޅަށްކަމަށެވެ.
"އެވަގުތުގައި އެހާލު މެދުވެރި ވީމާ ފުލުހުން އެ ފަތުރުވެރިޔާ ނުހުއްޓުވައި ދޫކޮށްލައިގެން ބަލަންތިބި ނަމަ އަޅުގަނޑުމެން އެންމެން އެ ވީޑިއޯ ލާފައި ބުނާނެ ބަލަ އެހުރިހާ ކަމެއް ހިނގާއިރު ކޮބާ ހެއްޔޭ ހޯމް މިނިސްޓަރ؟ ކޮބާހެއްޔޭ ކޮމިޝަނަރ އޮފް ޕޮލިސް؟ ފުލުހުން ހަމަ ބަލަހައްޓައިގެން ތިބިއްޔޭ!" އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފަތުރުވެރިޔާ ނުހިފަހައްޓައި ދޫކޮށްލައިގެން ދޫކޮށްލައިގެން ހުއްޓާ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އެފަތުރުވެރިޔާއަށް ގެއްލުމެއް ދިންނަމަ އަދި އެޔަށް ވުރެ ބޮޑެތި ފާޑުކިޔުންތާއި ގޮންޖެހުންތައް ފުލުހުންނަށް އަމާޒުވީސްކަމަށެވެ.
"އެހުރިހާ ކަމަކަށް ވިސްނާއިރު، އެވަގުތުގައި އެތާގައި ތިއްބެވި އޮފިސަރުންނަށް ނަގަން ޖެހުނު ޑިސިޝަނެއް" އިމްރާން ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، އެޑިސިޝަން އެގޮތަށް ނެގުމުން އެކަމަށް މާގިނަ ނުރުހުން ތެރިކަމެއް އަމާޒު ކުރެވިފައިނެތް ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ނަމަވެސް އެޔަށްވުރެ ރަނގަޅަށް އަދި އެކަން ކުރެވުނީސް ކަމަށެވެ. "އެޔަށް ވުރެ ރަނގަޅަށް އެ ސީންއަށް އެޓެންޑް ކޮށްފަ އެ ސިޓުއޭޝަން ކޮންޓްރޯލް ކުރެވުނީހޭ އެފުރުޞަތު އެބައޮތޭ" އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން ވިދާޅުވީ އެސަބަބަށްޓަކައި އެފަރާތުން ރައްޔިތުންނާއި އެހާ ގާތުން މަސައްކަތް ކުރަންޖެހޭކަމަށާއި، ޚާއްސަކޮށް ހަމަ ފަތުރުވެރިންނަށް އެސެކިޔުރިޓީ ކަށަވަރު ކޮށްދޭން ޖެހޭކަމަށެވެ. އަދި އެ ޕްރޮމޯޓް ކުރަންޖެހޭ މުއައްސަސާއެއްގެ ގޮތުން އެވަރުވެސް ދެރަވާ ކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.



