ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަށް މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަނުން ޖަވާބުދާރީވާން ހައިކޯޓުން އަންގައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުން މިހާރު ކުރިއަށް ގެންދަވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.
ޝަރީފް ވިދާޅުވީ، އިންތިޚާބާ ގުޅުންހުރި 3 މައްސަލައެއް މީގެ ކުރިން ދިވެޖިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި، އޭގެ އިތުރުން 7 މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ ކަމަށެވެ.
"މިހާރު ހައިކޯޓަށްވެސް އެބައޮތް 7 މައްސަލައެއް 7 ފަރާތަކުން (ވޯޓަރސް ރެޖިސްޓަރީއާ ގުޅޭ) ހުށަހަޅާފައި. އެބޭފުޅުންނަށް ވޯޓަރސް ރެޖިސްޓަރީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ތާރީޚްގައި ނުކުރެވި ވާތީވެ، އެއާ ގުޅިގެން ހުށަހަޅާފައި." ޝަރީފް ވިދާޅުވިއެވެ،
ޝަރީފް ވިދާޅުވީ، އެ ހަތް މައްސަލައާއި ގުޅިގެން މިއަދު މެންދުރު 13:00 އަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ޖަވާބުދާރީވާން އަންގާފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އިންތިޚާބާ ގުޅުންހުރި ހުރިހާ ކަމެއްވެސް ކުރައްވާފައި ވާނީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި، ޤާނޫނީ އުމުގެ ތެރޭގައި ކަމަށެވެ.