ކޮމަންވެލްތުގެ މެމްބަރު 40 ޤައުމަކަށް ދިވެހިންނަށް ވިސާއާއިނުލައި މިހާރު ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ އަލުން ވުމާއެކު، އެ ޖަމާއަތުގެ މެންބަރު 40 ޤައުމަކަށް ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. މީގެ ސަބަބުން އެގައުމުތަކަށް ދަތުރުކުރުމުގައި ދިވެހިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވެފައިވަނީ ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވައި، ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުފޫޒު ފޯރުވާކަމަށް ބުނެ، 2016 ވަނަ އަހަރުގެ އޮކްޓޯބަރ 13 ވަނަ ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ރާއްޖެ އަލުން އަނބުރާ ކޮމަންވެލްތާ ގުޅުނުކަން އެ ޖަމިއްޔާއިން ރާއްޖެއަށް އަންގާފައިވަނީ 2020 ފެބުރުވަރީ 01 ވަނަ ދުވަހުއެވެ. ރާއްޖެ ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭކަމެކެވެ.
އެގޮތުން ވެރިކަން ލިބިވަޑައިގަތުމާއެކު އެމަނިކުފާނު ވަނީ ކޮމަންވެލްތާ ގުޅުމުގެ މަސައްކަތްތައް ފައްޓަވާފައެވެ.
ކޮމަންވެލްތުގައި 54 ވަނަ މެމްބަރު ޤައުމު އޮވެއެވެ. އެ ޖަމާއަތުން މި އަހަރު ރުވާންޑާގެ ވެރިރަށް ކިގާލީގައި ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވާނެއެވެ.