މާލޭ ސިޓީގެ މޭޔަރަކަށް އެމްޑީޕީން ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު އާއި އެންމެ ގާތުން ވާދަކުރައްވާ ފަރާތަށް 1500 ވޯޓުވެސް ނުނެގޭނެ ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ 168 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ސެކްރަޓަރީ ޖެނަރަލްގެ މަގާމު 5 އަހަރު އަދާކުރައްވާފައިވާތީ އަނަސް އަށް ޝުކުރު އަދާކުރައްވަމުންނެވެ. އަނަސް މާލެއިން 12000 ވޯޓު ނަންގަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަނަސް އަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. އަނަސް އެހުންނެވީ މިހާރު 5 އަހަރު ވަންދެން ޕާޓީގެ ސެކްރަޓަރީ ޖެނަރަލްގެ މަގާމު އަދާކޮށް، މާލޭ ސިޓީ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާ، މާލޭ ސިޓީގެ މޭޔަރަކަށް ވުމުގެ މަގުމަތީގައި. އަޅުގަނޑުގެ ހިތުގައި ކުޑަކޮށްވެސް ސައްކެއްނެތް. އަޅުގަނޑު މިދަންނަވަނީ ބައްލަވަން ތިއްބަވާ އަނަސް 12000 މާލޭ ވޯޓު ނަންގަވާނެ. އެންމެ ގާތްކުރާ މީހާ 1500 ވޯޓުވެސް ނުނަގާނެ" އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް ކެމްޕެއިން ގެންދަން ބޭނުންވަނީ މޮޅުވާގޮތަށް ކަމަށް ވިދާޅުވެފައެވެ. މޮޅުވުމަށް ކައުންސިލް ތައް ހިނގަމުންދާގޮތް ރައްޔިތުންނަށް އިނގެން ޖެހޭކަމަށެވެ.
ރައީސް ޞޯލިހުވެސް ކޮންމެ ހަފްތާއަކު 3 ފަހަރު ކެމްޕެއިން މޭނަޖަރާއި ބައްދަލުކޮށް ކެމްޕެއިން ކުރިޔަށްދާގޮތް ބައްލަވާ ކަމަށާއި އެމަނިކުފާނާއިވެސް ކެމްޕެއިންގެ ވާހަކަ ރައީސް ޞޯލިހު ވަރަށް ގިނައިން ދައްކަވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުން އޮންނާނީ މި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުކަމަށް މިރޭ ވަނީ އިޢުލާން ކޮށްފައެވެ.



